ޖަރުމަން ލީގުގައި ފަހު ވަގުތު ވާޑާ ބްރޭމަން އަތުން 2-3 ގެ ނަތީޖާއަކުން ބްރޫޝިއާ ޑޯޓްމަންޑް ބަލިވެއްޖެއެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ވެސް ވަނީ ލިބިގެން ގޮސްފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑޯޓްމަންޑް އިންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށް ދިނީ މާކޯ ރެއުސްގެ އެހީތެރިކަމާއެކު ޖޫލިއަން ބްރާޓްއެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް 0-1 ގެ ނަތީޖާއަކުން ވާޑާ ބްރޭމަންގެ މައްޗަށް ޑޯޓްމަންޑް ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ޑޯޓްމަންޑްއެވެ.

މިގޮތުން ޑޯޓްމަންޑް އިން ވަނީ 77 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްފައެވެ މި ލަނޑު ރެއުސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރަފައެލް ގެރޭރޯއެވެ. އަދި މިއަށް ފަހު ވެސް ޑޯޓްމަންޑްއަށް ލީޑު އިތުރަށް ފުޅާ ކުރަން ވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ޑޯޓްމަންޑްގެ މައްޗަށް ވާޑާ ބްރޭމަން އިން ފަހު ވަގުތު ކުރި ހޯދީ ތިން ލަނޑު ޖަހައިގެންނެވެ. މިގޮތުން އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރީ 89 ވަނަ މިނެޓުގައި ލީ ބުޗަނަން ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުގެ އިތުރު ވަގުތުގައި ނިކްލަސް ޝިމިޓް ކާމިޔާބުކުރި ލަނޑުން ވާޑާ ބްރޭމަން އިން ނަތީޖާ ހަމަހަމަ ކޮށްފައިވާއިރު، އެޓީމުން މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގައި އޮލިވާ ބުރްކާ ކާމިޔާބުކުރި ލަނޑުންނެވެ.