މެންޗެސްޓާ ސިޓީން ބޭނުން ވަނީ އެ ކްލަބަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފިލްޑަރު ބެނާޑޯ ސިލްވާގެ އެއްބަސްވުން އާކުރަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ ސްޓާ އިން ބުނީ، ބެނާޑޯ ސިލްވާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މުސާރަ ބޮޑު ކުރުމަށްފަހު، އިތުރު މުއްދަތަކަށް އާކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ބެނާޑޯ ސިލްވާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މިހާރު ހަފްތާއަކު 150،000 ޕައުންޑު ލިބޭއިރު، އޭނާގެ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އަދި ޕީއެސްޖީން އަންނަނީ ބެނާޑޯ ސިލްވާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސިޓީގެ އިތުރުން އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ދޫކޮށްލާކަށް އެއްބަހެއް ނުވެއެވެ. އަދި ބެނާޑޯ ސިލްވާވެސް ހުރީ ކްލަބް ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ބެންފީކާ އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ބެނާޑޯ ސިލްވާ ވަނީ މޮނާކޯއަށްވެސް ކުޅެފައެވެ. އޭނާ މޮނާކޯ ދޫކޮށް ސިޓީއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އަދި އޭނާ ވަނީ މިހާތަނަށް ސިޓީގައި ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 253 މެޗުގައި 48 ލަނޑު ކާމިޔާބުކޮށްފައެވެ.

ބެންފީކާ އަދި މޮނާކޯގައިވެސް ކާމިޔާބު ހޯދާފައިވާ ބެނާޑޯ ސިލްވާ ވަނީ ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގު ތަށި، އެއް އެފްއޭ ކަޕް، ހަތަރު ލީގް ކަޕް، ދެ ކޮމިއުނިޓީ ޝިލްޑް ކާމިޔާބު ކުރުމުގެ އިތުރުން އެއްފަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 70 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ ބެނާޑޯ ސިލްވާ ވަނީ ގައުމީ ޓީމާއެކު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.