ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-3 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އެއްވަރުވެއްޖެއެވެ.

ނިއުކާސަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. މިގޮތުން އެޓީމުން ވަނީ ފަސް ވަނަ މިނެޓުގައި އިކޭ ގުންޑުގޮންގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހު ވެސް ސިޓީން ރަނގަޅަށް ކުޅެމުން ގޮސްފައިވާއިރު، ވަކި ހިސާބަކުން ނިއުކާސަލް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 28 ވަނަ މިނެޓުގައި މިގުއެލް އަލްމިރޮންއެވެ.

މި ލަނޑާއެކު ނިއުކާސަލް އިން ވަނީ އިތުރަށް ހިތްވަރުކޮށް، ސިޓީގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. މިގޮތުން 39 ވަނަ މިނެޓުގައި ކެލަމް ވިލްސަންގެ ލަނޑުން ނިއުކާސަލް އިން ވަނީ މެޗުގެ ލީޑު ހޯދާފައެވެ.

ފުރަތަމަ ހާފް 1-2 ގެ ނަތީޖާއަކުން ސިޓީގެ މައްޗަށް ނިއުކާސަލް ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ކިއެރެން ޓްރިޕިއާގެ ލަނޑުން ނިއުކާސަލް އިން ވަނީ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.

ނަމަވެސް ސިޓީން ވަނީ މެޗުގެ ފަހު 30 މިނެޓު ތެރޭގައި މޮޅު ކުޅުމެއް ދައްކާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިގޮތުން 60 ވަނަ މިނެޓުގައި ހާލަންޑް ސިޓީއަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދިން އިރު، އޭގެ ހަތަރު މިނެޓު ފަހުން ބެނާޑޯ ސިލްވާ ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައެވެ. ނިއުކާސަލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައި ލަނޑުގެ ތަފާތުންނެވެ.