ޕީއެސްޖީއާ އެކު ސްޕެއިންގެ މިޑްފީލްޑަރު, އެންޑަ ހެރޭރާ ހަދާފައިވާ ކޮންޓްރެކްޓް އުވާލައި، އޭނާ ކުރިން ކުޅުނު ކްލަބް އެތުލެޓިކް ބިލްބާއޯ އަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ވަނީ މިދިޔަ ތިން ސީޒަންގައި ޕީއެސްޖީ އަށް ކުޅެފައެވެ. ހާއްސަކޮށް، މިދިޔަ ސީޒަންގައި ހެރޭރާގެ ބައިވެރިވުން ޕީއެސްޖީގައި ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

އެކަމަކު، ޕީއެސްޖީން ހެރޭރާ އަށް މިހާރު އަންގާފައި ވަނީ އާ ކުލަބެއް ހޯދިޔަސް މައްސަލައެއް ނެތް ކަމަށެވެ. އެގޮތަށް ޕީއެސްޖީން އެންގީ ހެރޭރާ ޕީއެސްޖީއާއެކު ހެދި ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮއްވައެވެ.

އެ ޓީމުން އޭނާއާ މަޝްވަރާ ކުރުމަށް ފަހު މި ވަގުތު ނިންމާފައި އޮތީ ކޮންޓްރެކްޓް އުވާލުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހެރޭރާ މިހާރު ވަނީ އެތުލެޓިކް ބިލްބާއޯ އަށް ސޮއި ކުރަން ހުރިހާ ކަމެއް ހެން ނިންމައިފައެވެ. ހެރޭރާ ވަނީ ބިލްބާއޯ އަށް 2011 އިން 2014 އަށް ކުޅެދީފައެވެ. އެ ޓީމަށް ކުޅުމަށް ފަހު، އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ 28 މިލިއަން ޕައުންޑްގެ އަގެއްގައެވެ. ހެެރޭރާ ވަނީ ޔުނައިޓެޑާ އެކު އެފްއޭ ކަޕާއި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އަދި ޕީއެސްޖީއާ އެކު ފްރާންސް ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށް ފްރާންސްގެ ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ޒަރަގޯޒާގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ޕްރޮމޯޓްވި ހެރޭރާ ބިލްބާއޯ އަށް ބަދަލުވީ 2011 ވަނަ އަހަރުއެވެ.