ޗެރިޓީ މެޗެއްގައި މެންޗެސްޓާ ސިޓީން 3-3 ގެ ނަތީޖާއަކުން ބާސެލޯނާ ހިފަހައްޓައިފިއެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޫލިއަން އަލްވަރޭޒްއެވެ.

މި ލަނޑާއެކު ބާސާ އިން އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، އެޓީމުން ވަނީ 29 ވަނަ މިނެޓުގައި އޮބަމަޔަންގްގެ ލަނޑުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ދެޓީމު ވާދަވެރިކޮށް ފެނިގެން ދިޔައިރު، މި ހާފްގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާ އިންނެވެ. މި ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ފްރެންކީ ޑި ޔޮންގްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ކޯލް ޕާމާ ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ބާސާއިން މެޗުފެ ލީޑު އަނބުރާ ހޯދީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މެންފިސް ޑިޕޭއެވެ. އަދި ސިޓީން ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގައި ރިޔާދް މަހްރޭޒް ކާމިޔާބުކުރި ޕެނަލްޓީންނެވެ.