ޖަރުމަން ލީގުގައި ވީއެފްބީ ސްޓުޓްގާޓް އިން 2-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކްއާ އެއްވަރު ކުރިއިރު، އާރްބީ ލައިޕްޒިގް އިން 0-3 ގެ ނަތީޖާއަކުން ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފިއެވެ.

ބަޔާން ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. މިގޮތުން އެޓީމުން ދިޔައީ ސްޓުޓްގާޓްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާން އިންނެވެ. މި ލަނޑު ޑޭވިސް ނަގައިދިން ހުރަހަކުން ގޯލު ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރީ ޓެލްއެވެ. މި ލަނޑަށްފަހުވެސް ބަޔާންއަށް ވަނީ ލީޑު ފުޅާ ކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް 0-1 ގެ ނަތީޖާއަކުން ސްޓުޓްގާޓްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ސްޓުޓްގާޓް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ. މިގޮތުން 52 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ގޯލު ޖެހުމުގެ ކުރިން ފައުލެއް ކޮށްފައިވާ ކަމަށް ބުނެ ގޯލު ދީފައެއް ނުވެއެވެ.

މިއާއެކު ސްޓުޓްގާޓް އިން އިތުރު ހިތްވަރެއް ލައި 57 ވަނަ މިނެޓުގައި ވަނީ އަނެއްކާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ބަޔާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އެއްފަހަރު ކުރިޔަށް ފޮނުވާލައިގެން ކާމިޔާބުކުރީ ފުރީޗްއެވެ.

ނަމަވެސް ބަޔާން އިން ވަނީ އޭގެ ދެ މިނެޓު ފަހުން މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސިއަލާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ސްޓުޓްގާޓްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

މި މެޗުގެ އިތުރު ވަގުތުގައި ބަޔާން އިން ކުރި ފައުލަކާ ގުޅިގެން ސްޓުޓްގާޓްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، ފަހުވަގުތު ސްޓުޓްގާޓްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ގިރާސީއެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ސްޓުޓްގާޓް އޮތީ ކުޅުނު ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 13 ވަނައިގައެވެ.

މިރޭ ލައިޕްޒިގް އަމިއްލަ ދަނޑުގައި ޑޯޓްމަންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. މިގޮތުން އެޓީމުން ވަނީ ހަ ވަނަ މިނެޓުގައި އޯބަންގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ލައިޕްޒިގްގެ ފަރާތުން އެޓޭކިން ފުޓުބޯޅައެއް ފެނިގެން ގޮސްފައިވާއިރު، ބަޔާންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މިގޮތުން އެޓީމަށް މާ އެދެވޭ ހަމަލާއެއްވެސް މި ހާފްގައި އުފެއްދިފައެއް ނުވެއެވެ.

ލައިޕްޒިގް އިން މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުޒޮބޮޒްލައިއެވެ. މިއާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 0-2 ގެ ނަތީޖާއަކުން ޑޯޓްމަންގެ މައްޗަށް ލައިޕްޒިގް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޑޯޓްމަންޑް އިން އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނައެވެ. ނަމަވެސް މި ހާފްގައިވެސް އެޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ލައިޕްޒިގް އިން ވަނީ ޑޯޓްމަންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މި މެޗުގައި ލައިޕްޒިގް އިން ތިންވަނަ ލަނޑު ޖެހީ 85 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހައިޑަރާއެވެ. މި ލަނޑާއެކު ލައިޕްޒިގް ކުޅެމުންދިޔައީ އިތުބާރާއެކު މެޗު ނިމެންދެން ބޯޅަ ޑޯޓްމަންޑަށް ނުދީ ހިފަހައްޓައިގެންނެވެ.

މި ނަތީޖާއާއެކު ލައިޕްޒިގް އޮތީ ކުޅުނު ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 10 ވަނައިގައެވެ. މެޗުން ބަލިވި ޑޯޓްމަންޑް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައެވެ.