ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަދި ކަޑިޒް ބައްދަލުކުރި މެޗު އެއްކޮށް ފުރިހަމަ ނުކުރެވެނީސް، ސަޕޯޓަރަކަށް ފަރުވާ ދިނުމަށް މެޗު ހުއްޓުމަކަށް ގެނެސްފިއެވެ.

ކަޑިޒް ދަނޑުގައި ކުރިޔަށްދިޔަ މި މެޗުގައި ލެވަންޑޯސްކީ އަދި ޑި ޔޮންގްގެ ލަނޑުތަކުން 0-2 ގެ ނަތީޖާއަކުން ބާސާ ލީޑު ކުރަމުން ދަނިކޮށް، ކަޑިޒް ސަޕޯޓަރަކަށް ސިއްހީ އެހީ ބޭނުންވާކަން ސަމާލު ކަމަށް އައުމުން 82 ވަނަ މިނެޓުގައި ރެފްރީ ވަނީ މެޗުގެ ކުޅުން މަޑު ޖައްސާފައެވެ.

މިކަން ކަޑިޒްގެ ބެންޗަށް ރެފްރީ އައިސް ސަޕޯޓަރަށް އެހީވާން އެދުމުން، މެޑިކަލް ޓީމުން ވަނީ ވަގުތުން އެހީތެރިކަން ފޯރު ކޮށްދީފައެވެ. އަދި ސަޕޯޓަރަށް ފަރުވާދީ ނިމެންދެކަށް ރެފްރީ ވަނީ މި މެޗު ހުއްޓުމަކަށް ގެނެސްފައެވެ.

މީގެއިތުރުން ރެފްރީ ވަނީ ދެ ޓީމު ކުޅުންތެރިންނަށްވެސް ދަނޑުން ފާބައި، ޗޭންޖިންގް ރޫމަށް ދިޔުމަށް އަންގާފައެވެ. މިއާއެކު، ކުޅުންތެރިންނާއި، އޮފިޝަލުން ވަނީ ޓަނެލްއަށް ވަދެގެން ގޮސްފައެވެ.

މެޗުތަކުގައި ކުޅުންތެރިން އަދި ސަޕޯޓަރުންނަށް ސިއްހީ ގޮތުން ދިމާވާ ކަންކަމަށް މީގެ ކުރިންވެސް ވަނީ މެޗުތައް މެދުކަނޑާލާފައެވެ. އެއީ ފުޓުބޯޅައަށްވުރެ އިންސާނިއްޔަތުކަން އިސްކުރުމުގެ ބޭނުމުގައި ކުރަމުން އަންނަ ކަމެކެވެ.