އަންނަ ހޮނިހިރު ދުވަހުގެރޭ ފަށާ މި އަހަރުގެ ކުލަބް މޯލްޑިވްސް މުބާރާތް ކުޅޭ ދަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރު ވެސް މި މުބާރާތުގެ މެޗުތައް ކުޅުނު ދެ ދަނޑުގައެވެ. އެއީ ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑެވެ.

ދެ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ "މައި ހުޅުމާލެ" ގެ ފަރާތުންނެވެ. އެނގިފައިވާ ގޮތުގައި ދެ ދަނޑުގެ ޓާފް ވަނީ ހަލާކުވެފައެވެ. އެހެންވެ، ދެ ދަނޑުގައި ވެސް އާ ޓާފެއް އަޅާނެއެވެ.

ކްލަބް މޯލްޑިވްސް ކަޕް: އެންމެ ވަރުގަދަ ވާނީ ކޮން ގްރޫޕެއް؟

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ރޭ ބޭއްވި އިރު، މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމެއް ވާދަކުރާނެއެވެ. އެ ޓީމުތައް ވަނީ އަށް ގްރޫޕަކަށް ބަހާލައިފައެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ބައިގައި މި ފަހަރު ފަސް ޓީމެއް ނުކުމެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ، ޓީމު ފެނަކަ، ދިވެހި ސިފައިންގެ ކުލަބެވެ. އަންހެން ބައި ލީގު އުސޫލުން ކުރިއަށްދާ އިރު، ފައިނަލަށް ހޮވޭނީ ލީގު ބުރުން އެންމެ ވަރުގަދަ ދެ ޓީމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން ފުޓްސަލް މުބާރާތް ބާއްވަން ފެށީ 2006 ވަނަ އަހަރުން ފެށިގެންނެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ގަވައިދުން ބާއްވަމުން އައި އެ މުބާރާތް ބޭއްވުމުގައި މަޑުޖެހުމެއް އައިސްފައިވެއެވެ.

މި އަހަރުގެ ކުލަބް މޯލްޑިވްސް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން ވަނީ ފަރިތަކުރުންތައް ފަށައިފައެވެ. އަންނަ ހުކުރު ދުވަހު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނަ އިރު، މެޗުތައް ފަށާނީ ހޮނިހިރު ދުވަހުއެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަނުންނަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އެވެ. އަންހެން ބައިގެ ޗެމްޕިއަނުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް މި ދެ ޓީމު ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެ

    މިއީ މި ރާއްޖޭގެ ފުޓްބޯޅަ ލީގަށް ވުރެ އަގު ބޮޑު މުބާރާތެއް. ހުނަރުވެރި ފުޓްބޯޅަ ކުޅުން ތެރިން ނު އުފެދެނީ ފުޓްސަލް އާއި ހެދި. ފުޓްބޯޅައަށް ވުރެ ރަގަޅު އާމްދަނީއެއް މިހާރު ފުޓްސަލްއިން ލިބޭނެ.