ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ އިން ބޫޓާންގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ބްރޯންޒް މެޑަލް މިރޭ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 86-36 ޕޮއިންޓުންނެވެ. މިއީ 56 ޕޮއިންޓްގެ ބޮޑު ތަފާތެކެވެ.

މި މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައި ވަނީ ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ އައިޝަތު ރިޝްމާއެވެ. އޭނާ ވަނީ ރާއްޖެ އަށް 33 ޕޮއިންޓް ހޯދައި ދީފައެވެ. ރިޝްމާގެ "ހަގީގީ" ކުޅުން ފެނުނީ ބޫޓާނާ ދެކޮޅަށެވެ.

ރާއްޖެ ޓީމުގެ އިނާޝާ، ބޯޅަ ބާސްކެޓަށް ވައްޓާލަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗު ފަށައިގެން ފުރަތަމަ ޕޮއިންޓެއް ހޯދައި، ރާއްޖެ އަށް "ސިހުން" ގެނުވީ ބޫޓާންއެވެ. އެކަމަކު، މެޗު ފަށައިގެން ރާއްޖޭގެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލީޑް ހޯދައި ދިނެވެ.

ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފާތިމަތު ޝައިލާން އަފްޒަލްގެ ކުޅުމެވެ. ޝައިލާން ވަނީ ކައިރި ކައިރީގައި ރާއްޖެ އަށް މުހިންމު ޕޮޓްތަކެއް ހޯދައި ދީފައެވެ. މި މެޗުގައި ޝައިލާން އެކަނި ވެސް ރާއްޖެ އަށް ވަނީ 13 ޕޮއިންޓް ހޯދައި ދީފައެވެ.

ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގައި ރާއިފާ ބޯޅަ ހިފައިގެން. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު، ރާއްޖެ އިން ވަނީ 25 ޕޮއިންޓް ހޯދައިފައެވެ. ދެވަނަ ކުއާޓާ ފަށައިގެން ރާއްޖޭގެ ކުޅުންތެރިން އެއް ފެންވަރެއްގައި ކުޅެމުން ދިޔަ ތަން ފެނުނެވެ.

މީގެކުރިން ރާއްޖެ ކުޅުނު ދެ މެޗާ ހިލާފަށް މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ތަފާތު ދައްކާފައި ވަނީ ވެސް ރިޝްމާއެވެ. އޭނާ ވަނީ ކައިރި ކައިރީގައި ޕޮއިންޓްތަކެއް ހޯދައި ދީފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ކުއާޓާ ނިމުނު އިރު، ރާއްޖެ ޖުމްލަ 39 ޕޮއިންޓް ހޯދިއެވެ. ބޫޓާނަށް ހޯދުނީ 19 ޕޮއިންޓެވެ.

ރާއްޖެ އާއި ބޫޓާން ބައްދަލު ކުރި މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗަށް ނުކުތްއިރު ރާއްޖެ އަށް މި މުބާރާތުން ރަން މެޑަލާއި ރިހި މެޑަލް ހޯދުމުގެ ދޮރު އޮތީ ބަންދުވެފައެވެ. އެއީ ސްރީ ލަންކާ އަތުން ބަލިވުމުންނެވެ. މުބާރާތުގެ ރަން މެޑަލް ހޯދާފައި ވަނީ މިދިޔަ ފަހަރު ވެސް މި މުބާރާތް ހޯދި ލަންކާއެވެ. ނޭޕާލް އަށް ލިބިފައި ވަނީ ރިހި މެޑަލްއެވެ.

ރާއްޖެ އިން މިފަހަރު އަމާޒު ހިފީ ރަން މެޑަލްއެއް ހޯދުމަށެވެ.

ރާއްޖެ އިން ވަނީ 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ މުބާރާތުގައި ލޯ މެޑަލް ހޯދައިފައެވެ. އަދި 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭން ލޯ މެޑަލް ހޯދިއެވެ.

ރާއްޖެ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލަންކާ އަށް ވަނީ މެޗަށް ފަހު ރަން މެޑަލް އާއި ޗެމްޕިއަން ޝީލްޑް ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙީޠާޟީ

    ރާއްޖެ ޓީމުގެ ރިޝްމާ އާާަ އި ބައެއް ކުދިންގެ ފިޒިކަލް ވ.ދައް ފަލަކަމުން މެޗައް އަރުވަަާ ވަރުވެސް ނުވޭ

    1
    1