ޕީއެސްޖީ އާއެކު މި ސީޒަނުގެ ނިޔަލަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު، ހިލޭ ޓްރާންސްފާގައި އޭނާ އަންނަ ސީޒަނުގައި އެނބުރި ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން އަންނަނީ ބުނަމުންނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަމުގެ މަގާމް ހަތް ފަހަރަށް ހޯދި މެސީ، ބާސެލޯނާ ދޫކޮށް މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވީ، ބާސެލޯނާގެ މާލީ ދަތިތަކާ ހުރެ ލަ ލީގާގެ ފައިނޭންޝަލް ފެއާޕްލޭ ގަވާއިދަށް ނުފެތޭތީ އެވެ.

މެސީ، 34، މުޅިން ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ސޮއިކުރުން ވެގެން ގޮސްފައިވަނީ މިފަހުގެ ތާރީހުގެ އެންމެ ގިނަބަޔަަކަށް ސިހުން ގެނުވި ޓްރާންސްފާއަށެވެ. ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވި ނަމަވެސް، ބާސާއިން ވަނީ މެސީގެ އެއްބަސްވުން އާކުރަން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް، ސްޕެނިޝް ލީގުން އެކަމަށް ހުރަސްއަޅައި، ބާސެލޯނާއިން ލީގުގެ ގަވާއިދު މުގުރާ ނުލެވޭނެ ކަމަށް ބުނުމުން އެންމެ ފަހުން އެކުލަބުން ޖެހުނީ ކުލަބުގެ ތާރީހުގައިވެސް އެންމެ މުހިއްމު ކުޅުންތެރިޔާ ހިލޭ ދޫކޮށްލާށެވެ.

ޑެއިލީ މެއިލް އިން ނެރުނު ރިޕޯޓްގައިވާ ގޮތުން ފްރާންސްގައި އުޅޭ މެސީ އަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އަަދި ބާސެލޯނާގެ ރައީސް ލަޕޯޓާއާ ޖެހިފައިވާ މައްސަލަ ހައްލުކޮށް އަންނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު ބާސާއަށް މެސީ ސޮއިކުރާނެ ކަމަށެވެ.

މެސީ ބާސާ ދޫކޮށް ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭނާ ބުނެފައިވަނީ ބާސާ ދޫކޮށް ދިއުމަކީ އޭނާ ދުވަހަކު ވެސް އުންމީދު ނުކުރާ ކަމެއް ކަމަށާއި އަބަދުވެސް ބާސާއަށް ކުޅެން ބޭނުންވާ ކަމަށެވެ.

މެސީގެ ގިނަ ރެކޯޑްތަކަކީ ބާސާއަށް ކުޅެމުން އޭނާ ހަދާފައިވާ ރެކޯޑްތަކެވެ. އޭނާ ވަނީ ބާސާއަށް ޖުމުލަ ދިހަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރަށް ނެގިއިރު ކޮޕަ ޑެލްރޭ ހަތް ފަހަރަށް ކާމިޔާބުކޮށްދީފައިވެއެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޫ ބުނެފައިވަނީ މެސީ ބާސާއަށް ދިއުމާމެދު އަންނަ އަހަރު ގޮތް ނިންމާނެ ކަމަށާއި މިކަމާ ގުޅިގެން އަދި މިހާތަނަށް މެސީ އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ބާސާ ދޫކޮށްލި މެސީއަކީ އެކުލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއާއެވެ. 778 މެޗުން 672 ގޯލު ޖަހައި މެސީ ވަނީ ބާސާގެ ސަޕޯޓަރުންގެ ހިތްތަކުގައި ހާއްސަ މަގާމެއް ހޯދާފައެވެ.

ޕީއެސްޖީގެ އިތުރުން އާޖެންޓީނާއަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ އޭނާގެ ޕީއެސްޖީގެ ސަޕޯޓަރުން ބަލައި ނުގަންނަ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ރައުންޑް އޮފް 16 ގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި މެސީއަށް މަލާމާތް ކޮށްފައިވާ ކަމަށް އެ ރިޕޯޓްތަކުން ބުނެއެވެ.

އަދި، ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ހުރީ މެސީ ގެންނަން ކެތް މަދު ވެފައި ކަމަށް ވެސް ބޭރުގެ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި ދާދި ފަހުން ބާސާގެ ނައިބު ރައީސް އެޑުއާޑް ރޮމެއޫ ބުނެފައިވަނީ މެސީއަށް ބާސެލޯނާއާ ގުޅުމަށް އަބަދުވެސް ހުންނާނީ ދޮރު ހުޅުވިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެއީ އުނބަށް ޖެހުންތަ އެހެންވިއްޔާ ރޮނަލްޑޯ ވެސް އެހެރި ޖަހާފަތާ

    15
    3
  2. ޖޮނީ ޑެޕްތު

    އުނހު! އެއީ އަދި އުބުގަނޑަށް ޖެހުން

  3. ގަލަން

    މެސީ ކުލަބު ބަދަލުކުރީ ބާސާގައި ހުރެވެނެތިގެން ކިހިނެއްވެގެންބާ އޭނަ އުނބަށް ޖަހަނިއްޔޭ އެލިޔުނީ؟؟؟

    18
    1
    • އަހުމިއްޓޭ

      ޚަބަރުލިޔުނީ މެސީދެކެ ރުޅިއަންނަ ނޫސްވެރިއެއް.