ބްރައިޓަން އެންޑް ހޯވް އަލްބިއޯން އިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ރަނގަޅު "ފައިޓެއް" ދޭ ކަމަށް ސިޓީގެ ތަޖުރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ރޭ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗަށްފަހު ގާޑިއޯލާ ބުނީ ބްރައިޓަންގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅު ކޮށްފަކަމަށާއި އެޓީމު މޮޅުނުވިނަމަވެސް، އެމީހުން ކުޅުނު ޕާސިން ގޭމް ވަރަށް ތަފާތު ކަމަށެވެ. އަދި އެޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ސިޓީގެ ކުޅުންތެރިން މާކު ކޮށްފައި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

"ބްރައިޓަންގެ ކުޅުން ކިތަންމެހާވެސް ރަނގަޅު. ހަމަ ރަނގަޅު ފައިޓެއް ސިޓީއާ ދެކޮޅަށް ދީފި. އެޓީމުން އައީ މޮޅު ޕާސިން ގޭމެއް ކުޅެމުން. އެގޮތުން ހުސްވާން ޖެހޭ ތަންތަނަށް ހުސްވެގެން ރަނގަޅު އެޓޭކްތަކެއް ވެސް ހެދި. އަހަރެމެން ވަކި މި މެޗު ފަސޭހަވާނެ ކަމަކަށް ބަލައިގެނެއް ނޫން ކުޅުނީ،" ގާޑިއޯލާ ބުންޏެވެ.

ބްރައިޓަން ޓީމަށް ތައުރީފް ކުރަމުން ގާޑިއޯލާ އިތުރަށް ބުނީ ދުނިޔޭގެ މަދު ޓީމަކަށް ނޫނީ އެގޮތަށް ޕާސިން ގޭމެއް ނުކުޅެވޭނެ ކަމަށާއި އެޓީމުގައި ރަނގަޅު ފެންވަރުގެ ކުޅުންތެރިން ތިބި ކަމަށާއި ކުޅުންތެރިންގެ މެންޓަލިޓީއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ ވަނީ ކުޅުންތެރިންގެ ކުޅުން ދެނެގަނެ، އެ ކުޅުންތެރިއަކަށް އެންމެ އެކަށީގެންވާ ޕާފޯމެންސް ދެއްކޭނެ ގޮތަށް ޓީމުގެ ކަންކަން ރާވާފައި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ސިޓީއަށް ލިބުނު މި މުހިއްމު މޮޅާއެކު، އެޓީމު އޮތީ ލީގުގެ ތާވަލުގެ ދެވަނައިގައި 26 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އާސެނަލް އޮތީ 10 މެޗު ކުޅެގެން 27 ޕޮއިންޓާއެކު، ސިޓީއާ އެއް ޕޮއިންޓުގެ ފަރަގުގައެވެ.

މި މެޗުގެ 22 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ ސިޓީންނެވެ. މި ގޯލު ހާލަންޑު ސިޓީއަށް ކާމިޔާބު ކޮށްދިން އިރު، އެސިސިޓު ހެދީ ބްރެޒިލްގެ ކީޕަރު އެޑާސަން މޮރާއެސްއެވެ.

މި ސީޒަނުގައި ސިޓީއަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލަންޑު ސިޓީގެ ދެވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނެވެ. ދެވަނަ ހާފުގައި ބްރައިޓަން އިން ޓީމު ކުރިއަށް ޖައްސައިގެން މެޗުގެ 53 ވަނަ މިނެޓުގައި ގޯލު ޖެހިއެވެ. މިއީ ސޮލީ މާޗް ދިން ޕާހަކުން ޓްރޮސާޑް ޖެހި ގޯލެކެވެ. މެޗުގެ 79 ވަނަ މިނެޓުގައި ސިޓީގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާ ދިން ޕާހަކުން ބެލްޖިއަމްގެ ކެވިން ޑިބްރޭނާއެވެ.