ސްޕެނިޝް ލީގުގައި، ބާސެލޯނާގެ އިތުބާރު ފޯވާޑް އޮސްމަން ޑެމްބޭލޭ ދެއްކި ހުނަރުވެރި ކުޅުމާއެކު ބާސާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފިއެވެ.

ކޭމްޕް ނައުގައި ރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއަކުންނެވެ. ބާސާއަށް ލިބުނު މޮޅާއެކު އެޓީމު އޮތީ 11 މެޗުން 28 ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެ ވަނައިގައެވެ. އެއްވަނައިގައި މިދިޔަ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތިން ޕޮއިންޓުގެ ފަރަގަކާއެކުއެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ބިލްބާއޯ ކޮޅަށް ތިން ގޯލު ޖަހާފައެވެ. ބާސާގެ އެންމެ ފުރަތަމަ ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައެވެ. މިއީ ރޮބާޓް ލެވަންޑޮސްކީ ދިން އެސިސްޓަކުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ޑެމްބޭލޭ ބޮލުން ޖެހި ރީތި ގޯލެކެވެ.

ބާސާގެ ދެ ވަނަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެމްބޭލޭ ދިން އެސިސްޓަކުން ސާޖިއޯ ރޮބާޓޯއެވެ. މި ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓުގައެވެ. އޭގެ ހަތަރު މިނެޓުފަހުން ޑެމްބޭލޭ ބިލްބާއޯގެ ޑިފެންޑަރު ކައިރިން ނައްޓުވާފައި ދިން ޕާހަކުން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލީ ލެވަންޑޮސްކީއެވެ. މިގޯލާއެކު ލެވަންޑޮސްކީ ވަނީ 15 މެޗު ކުޅެގެން ބާސާއަށް 17 ގޯލު ޖަހައިދީފައެވެ.

ބިލްބާއޯ އިން މެޗުގެ ދެވަނަ ހާފުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް ބާސާގެ ހުޝިޔާރު ކީޕަރު ޓާ ސްޓަޖެން ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ސޭވްތަކެއް ކޮށްފައެވެ. ބާސާއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ، މެޗުގެ 73 ވަނަ މިނެޓުގައި ހަތަރު ވަނަ ގޯލު ޖެހިއެވެ. މިއީ ޑެމްބޭލޭގެ އެސިސްޓަކުން ފެރާން ޓޮރެސް ޖެހި ގޯލެކެވެ. ޑެމްބޭލެ ވަނީ ރޭގެ މެޗުގައި އެއް ގޯލު ޖަގައި ތިން އެސިސްޓު ހަދާފައެވެ.

މެޗުގައި ދާދި ފަހުން ކޮޕާ ޓްރޮފީ ކާމިޔާބު ކުރި ޕަބްލޯ ގަވީރާ(ގަވީ) އަށް އަނިޔާވެ މެޗުގެ 34 ވަނަ މިނެޓުގައި ވަނީ ދަނޑުން ބާލާފައެވެ. ވޯލްޑް ކަޕް ކައިރިވެފައި ވަނިކޮށް ގަވީއަަށް އަނިޔާވުމަކީ ސްޕެއިންގެ ގައުމީ ޓީމަށް ލިބިގެންދާނެ ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް ބެލެވެއެވެ.

ރޭ ބިލްބާއޯ ވި ބައްޔާއެކު އެޓީމުން ތާވަލުގެ ފަސްވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލި އިރު، 18 ޕޮއިންޓާއެކު އެ ޓީމުން މިވަގުތު އޮތީ ހަ ވަނައިގައެވެ. މި ލީގުގައި ބާސާއިން ދެން ކުޅެން ޖެހޭނީ މި މަހު 30 ވަނަ ދުވަހު ވެލެންސިއާއާ ދެކޮޅަށެވެ. އަދި ބިލްބާއޯ އިން ދެން ކުޅޭނީ ވިޔަރެއާލާ ދެކޮޅަށެވެ.