ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި، އޭނާއަކީ ހުނަރުން ފުރިގެންވާ މެންޗެސްޓާ ޔުނައިޓެޑަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

މެންޗެސްޓަރ އިވްނިންގް ނިއުސްއާ ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ޔުނައިޓެޑުގައި މިވަގުތު ފޯވާޑުންގެ ދަތިކަން އެބަ އޮތް ކަމަށާއި އެހެން ކަމުން ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއަކަށް ވެފައި އޭނާ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މި ސީޒަން ނިމެން ދެން ރޮނާލްޑޯ ކުލަބުގައި މަޑުކުރާނެ ކަމަށާއި ސީޒަނުގައި ރޮނާލްޑޯގެ މަސައްކަތް ރަނގަޅު ނަމަ އިތުރު އެއް އަހަރު ކުލަބު ގައި މަޑުކުރުމުގެ ފުރުސަތު ރޮނާލްޑޯ އަށް ދޭނެކަމަށް ޓެން ހާގް ބުނެފައިވެއެވެ.

"މިވަގުތު ޔުނައިޓެޑުގެ އެހާ ގިނަ ފޯވާޑުންނެއް ވެސް ނެތް. އަހަރެން ބޭނުމެއް ނޫން ރޮނަލްޑޯ ދޫކޮށްލާކަށް. ސަބަބަކީ އޭނާއަކީ ޔުނައިޓެޑަށް އެންމެ މުހިންމު އެކަކު. އޭނާއަކީ މިކުލަބުގެ ލެޖެންޑެއް. އަދި ޔުނައިޓެޑްގެ ސަޕޯޓަރުން އެންމެ ލޯބިވާ ކުޅުންތެރިއާ. ޔުނައިޓެޑް ކުޅޭ ކޮންމެ މެޗެއްގައިވެސް ރޮނާލްޑޯގެ ކުޅުން ފެންނަން އަހަރެން ބޭނުން. އަހަރެން އަބަދުވެސް އެދެނީ ވެސް ރޮނާލްޑޯ ކާމިޔާބު ހޯދުމަށް މި ކުލަބުގައި ހުރެގެން،" ޓެން ހާގް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށް ޔުނައިޓެޑް އިން ނެގި ސްކޮޑުން ރޮނާލްޑޯ ބާކީ ކުރީ، މިދިޔަ ބުދަ ދުވަހުގެރޭ ޓޮޓެންހަމް އަތުން ޔުނައިޓެޑް މޮޅުވި މެޗު ނުނިމެނީސް ބެންޗު ދޫކޮށް އޭނާ ޗޭންޖިން ރޫމަށް ދިއުމުންނެެވެ.

މިދިޔަ ސީޒަނުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗެއްގައި ހެޓްރިކް ހެދި ރޮނާލްޑޯ ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ނަމަވެސް އެ މެޗުގައި އޭނާ އަރުވާފައެއް ނުވެއެވެ. މެޗަށް ނެރުމަށް ވާމްއަޕް ވެސް ހެދުވުމަށްފަހު ރޮނާލްޑޯ ކުޅެން ނާރުވާ އޭގެ ބަދަލުގައި ޓެން ހާގު ދަނޑަށް ނެރުނީ އެންޓޮނީ، އެލަންގާ އާއި ކްރިސްޓިއަން އެރިކްސަންއެވެ.

އެއާއެކު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ މެޗުގެ 89 ވަނަ މިނެޓުގައި ބެންޗް ދޫކޮށް އޯލްޑް ޓްރެފޯޑްގެ ޓަނަލްގެ ތެރެއަށް ވަދެގެން ގޮސްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ މެޗު ނިމުމުގެ ކުރިން ބެންޗުން ގޮސްފައިވަނީ އޭނަގެ ކެތްތެރިކަން ކޮޅުންލައި، ޓެން ހާގު އޭނާއަށް ދޭން ޖެހޭ އިހުތިރާމް ދީފައި ނުވާތީއެވެ.

މިކަމާ ގުޅިގެން ޓެންހާގް ބުނީ ޓީމުގެ ސްކޮޑުގައި ކުޅުންތެރިން ހިމެނުމާއި ނުހިމެނުން އެއީ އޭނާގެ ކަމެއް ކަމަށާއި ކުޅޭ ކޮންމެ މެޗަކީ މޮޅުވުން މަޖުބޫރު މެޗެއް ކަމުން މެޗުތަކަށް އަރުވާނީ ހުރިހާ ގޮތަކަށް ވެސް ބަލާފަ އެންމެ ރަނގަޅު ޕާފޯމަންސްއެއް ދެއްކޭ ކުޅުންތެރިން ކަމަށެވެ. ކުލަބު ސްޕޯޓަރުންނާއި ކޯޗަށް ރުޅިވެރިކަން ދައްކާ ހިތުހުރި ގޮތަކަށް އަމަލުކުމުގެ އިޚްތިޔާރެއް އެއްވެސް ކުޅުންތެރިއަކަށް ނޯންނާނޭ ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ނިމިގެން ދިޔަ ޓްރާންސްފާ މާކެޓުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ދިއުމަށް މަސައްކަތް ކޮށްފައެވެ. ޔުނައިޓެޑުން ފަހު ވަގުތު ވަނީ ރޮނާލްޑޯއަށް އައި ހުށައެޅުންތައް އަނބުރާ ފޮނުވާލައި، މި ސީޒަނުގައި އޭނަގެ ބޭނުން ހިފާނެ ކަމުގެ ޔަގީންކަން ރޮނާލްޑޯއަށް ދީފައެވެ. ނަމަވެސް ރޮނާލްޑޯއަށް ފުރުސަތުތައް މަދުވުމުގެ ސަބަބުން ސީޒަނުގައި މިހާތަނަށް އޭނާއަށް ޖެހިފައިވަނީ އެންމެ ދެ ގޯލެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    ރޮނާލްޑޯ ނުލާ ޓީމް ރާވަން ޓެންހާގް ލަދެއްނުގަނެ ކުލަބުތަށް ހިންގަނީ ސަޕޯޠަރުން ދަނޑަށްވަދެގެން ލިބޭލާރިން ރޮނާލްޑޯ ދަނޑުމަތީގަ ހުންނަތަން ބަލަން ބޭނުންވާ މީހުން މަދެއް ނުވާނެ

    6
    1
  2. ހުސޭނުބޭ

    މުހިއްމު ވީމާތަ ބެންޗްގައި ބައިންދާފަ އެ އިންނަނީ

    4
    1