ޔޫރަޕްގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުގައި އާރްބީ ލިޕްޒިގުން އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރެއާލުން ހޯދީ މިއަހަރު މެއި މަހުގެ 29ގައި ލިވަޕޫލާ ދެކޮޅަށް ކުޅެ 0-1 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ. މި ތަށްޓާއެކު ރެއާލުން ވަނީ ޖުމުލަ 14 ފަހަރަށް ޗެމްޕިއަން ކަން ހޯދިކަމުގެ ރެކޯޑް ހަދާފައެވެ. ރެއާލުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ރޭ ލިޕްޒަގް އަތުން ވަނީ ބަލިވެފައެވެ. ރެއާލުން ވަނީ ފުރަތަމަ ލެގުގައި 0-2 ގެ ނަތީޖާއިން ލިޕްޒިގު ބަލިކޮށްފައެވެ.

ރެޑްބުލް އެރީނާ ލިޕްޒިގުގައި ރޭ ކުޅުނު މެޗު، ލިޕްޒިގުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއެކު ލިޕްޒިގުން ވަނީ 9 ޕޮއިންޓު ހޯދާފައެވެ. މި މެޗުން ރެއާލް ބަލިވިނަމަވެސް އެޓީމު ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ރެއާލް އޮތީ ޖުމުލަ 10 ޕޮއިންޓާއެކު އެ ގުރޫޕްގެ އެއް ވަނައިގައެވެ.

ރޭ މެޗު ފަށައިގެން ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގެ 13 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލިޕްޒިގުންނެވެ. ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަންޑްރޭ ސިލްވާ ނަގައިދިން ހުރަހަކުން އެޓީމުގެ ޖޮސްކޯ ވާޑިއަލް ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލުގެ ތެރެއަށެވެ. ރެއާލް ޕްރެޝަރުގައި އޮއްވާ ލިޕްޒިގުން އޭގެ ފައިދާ ނަގާ ދެ ގޯލުގެ ލީޑެއް މި ހާފުގެ 18 ވަނަ މިނެޓުގައި ނެގިއެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ އެންމެ އިތުބާރު ހިފޭ ފޯވާޑް ކްރިސްޓޮފާ އެންކުކޫއެވެ.

ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ރެއާލަށް އުންމީދު އާކޮށްދިނީ ނިމިދިޔަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ގޯލު ޖެހި ވިނީޝިއަސް ޖޫނިއާއެވެ. އެ ގޯލު އޭނާ ޖެހީ މާކޮސް އެސެންސިއޯގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ދެ ޓީމުން ވެސް ވަނީ ގިނަ ބަދަލުތަކެއް ކޮށްފައެވެ. ލިޕްޒިގުގެ ތިން ވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޓިމޯ ވާނާއެވެ. މި ގޯލު 81 ވަނަ މިނެޓުގައި ޖެހިއިރު، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ރެއާލަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ ރެއާލްގެ ރޮޑްރިގޯއަށް އެންކުކޫ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ރެއާލުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ރޮޑްރިގޯއެވެ.

މި މެޗުގެ އިތުރުން، ރޭ މެންޗެސްޓާ ސިޓީއާއި ޑޯޓްމަންޑް ބައްދަލު ކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެ ނަތީޖާއާއެކު އެގުރޫޕުގެ އެއް ވަނައިގައި އޮތީ ސިޓީއެވެ، އަދި ޗެލްސީއާއި އެފްސީ ސޭލްޒް ބާގް ބައްދަލު ކުރި މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ޗެލްސީ މޮޅުވެގެންނެވެ. ލިއޮނަލް މެސީއާއި ކިލިއަން އެމްބާޕޭ ޖެހި ދެ ގޯލާއެކު ޕީއެސްޖީން ވަނީ 2-7 ގެ ނަތީޖާއަކުން މެކެކަބީ ހައިފާ ބަލިކޮށްފިއެވެ.