ކްލަބް މޯލްޑިވްސް ކަޕުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ފަހަތުންް އަރާ އެއްވަރުކޮށް، ޕެނަލްޓީގައި އެމްޕީއެލުން މި މުބާރާތުގައި ތަފާތު ދެއްކި ކްލަބް އެޗްޑީސީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންވެފައިވަނީ މިރޭ ކްލަބް ވެމްކޯ އަތުން 3-5ގެ ނަތީޖާއިން މޮޅުވި ފެނަކަ ރެކްރިއޭޝަން ކްލަބް(ފެނަކަ)އަށެވެ. މިއީ މި މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ސެމީ ފައިނަލުގައި އެޗްޑީސީ ބަލި ކުރީ 6-7 ގެ ނަތީޖާއިންނެވެ. ދެވަނަ ހާފުގައި ތިން ގޯލުގެ ލީޑުގައި އޮތް އެޗްޑީސީ ކޮޅަށް އެމްޕީއެލުން ވަނީ ތިން ގޯލު ޖަހާ އެއްވަރުކޮށްފައެވެ. އެމްޕީއެލުން ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބު ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.

މިރޭ ކުޅުނު މެޗު ފަށައިގެން އެޗްޑީސީ ޓީމުން ދިޔައީ ވަރަށް ރަނގަޅަށް އެމްޕީއެލްގެ ކުޅުންތެރިން މާކު ކޮށް މޮޅު ޕާސްތަކެއް ޖަހަމުންނެވެ. އެޗްޑީސީއަށް ލީޑު ނަގައިިދިނީ މެޗުގެ ހަތަރު ވަނަ މިނެޓުގައި ޝާފިއު (ޝާއްޕެ) އެވެ. އެޗްޑީސީއަށް ލީޑު ފުޅާކޮށްދިނުމަށް މެޗުގައި މޮޅު ކުޅުމެއް ދެއްކި ނާއިޒް ހަސަން ވަނީ ދެ ގޯލު ޖަހާފައެވެ.

ދެވަނަ ހާފު އެމްޕީއެލުން ފެށީ ޓީމު ވަރުގަދަ ކޮށެވެ. ޓީމު ކުރިއަށް ޖައްސައިގެން ކުޅެ އެމްޕީއެލަށް އުންމީދެއް ހޯދައިދިނީ އަލީ ހައިޝަމްއެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ހައިޝަމް ވަނީ އެމްޕީއެލްގެ ދެވަނަ ގޯލު ޖަހާފައެވެ. މިއީ ފައިން ބޯޅަ ހިއްލާލުމަށްފަހު ފަޔަށް ހެޔޮވަރުކޮށް ވެއްޓިގަނެފައި ހައިޝަމް ޖެހި ގޯލެކެވެ. އެމްޕީއެލްގެ ފަހު ގޯލު ކާމިޔާބުވީ އެޓީމުގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެއްލި ބޯޅައެއް އެޗްޑީސީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް ވަދުމުންނެވެ.

މި ގޯލު ޖެހުމުން އެޗްޑީސީ ޓީމުން ކުޅުންތެރިއެއްގެ ގައިގައި ނުޖެހޭ ކަމަށް ބުނެ ޝަކުވާ ކުރުމުން، ރެފްރީން މަޝްވަރާކުރުމަށްފަހު ވަނީ އެއީ ގޯލެއް ކަމަށް ނިންމާފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަވެ ޕެނަލްޓީން އެމްޕީއެލް މެޗު ކާމިޔާބު ކުރީ އަލީ ޝަމާލް ފޮނުވާލި ހަ ވަނަ ޕެނަލްޓީ އިންނެވެ.

ހުޅުމާލެ ރެހެނދި ޓާފު ދަނޑުގައި ކުޅުނު މެޗު ފެނަކަ އިން ކާމިޔާބު ކުރީ ސެމީ ފައިނަލުގައި ކްލަބް ވެމްކޯ އަތުން 3-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަނިލް

    ވީ.އޭ.އާރު އަސްލު ބަލާކަށް ނުޖެހޭ...
    ވީ.އޭ.އާރު ބަލާނަމަ މިމުބާރާތުގައި ކިތަންމެ ކަމެއް އެބަހުރި ބަލަން އަދި ރަނގަޅު ކުރަންވެސް އެންމެ މޮޅު ރެފްރީން އަތުންވެސް އެބަހުރި ކަން ކަން ގޮސްސަ