ގަދަކަމުން މެންޗެސްޓާ ޔުނައިޓެޑުން އޭނާ ބޭރު ކުރަން ބޭނުންވާ ބަޔަކު އެބަތިބި ކަމަށާއި ޔުނައިޓެޑުން ވަނީ އޭނާ އަށް އޮޅުވާލާފައި ކަމަށް އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނީ އޭނާ ޕިއާސް މޯގަން އަށް ދިން ޚާއްސަ އިންޓަވިޔުއެއްގައެވެ. ދެ ވަނަ ފަހަރަށް ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނީ މިދިޔަ އަހަރުއެވެ. ނަމަވެސް ރޮނާލްޑޯ އަށް ޔުނައިޓެޑުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. އޭގެ ފަހުން ކުލަބް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށް، ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު އޮތީ މައްސަލަތަކެއް އުފެދިފައެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވާއިރު، މިއީ ރޮނާލްޑޯ އާންމުކޮށް އެވާހަކަތައް ދެއްކި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޮނާލްޑޯ އޭނާގެ ސޯޝަލް މީޑިއާގައި ބުނީ އޭނާއާ ގުޅޭ ގޮތުން ދައްކަނީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި، އެކަމުގެ ހަގީގަތް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާއާ ދެކޮޅަށް ޔުނައިޓެޑްގައި މަސައްކަތްކުރި މީހުން މިދިޔަ ސީޒަނުގައި ވެސް ތިބި ކަމަށާއި، 2013 ވަނަ އަހަރު އެލެކްސް ފާގަަސަން ދިޔަ ފަހުން ކްލަބްގައި ގިނަ ކަންކަން ދަނީ ގޯހުން ކަމަށެވެ.

"އެލެކްސް ފާގަސަން ޔުނައިޓެޑު ދޫކޮށްލި ފަހުން ކާމިޔާބަކީ ސުމެއް. ޔުނައިޓެޑުން އަހަރެން ބޭރުކުރަން މަސައްކަތް ކުރަނީ ހަމައެކަނި ޓެން ހާގްއެއް ނޫން. އަދި އެބައުޅޭ މި ކްލަބްގެ ދެތިން މީހެއް އެކަން ބޭނުންވާ، (ޔުނައިޓެޑުން) އަހަންނަށް ވަނީ އޮޅުވާލާފައި. އަހަރެން އެކަންކަމެއް ބަލަން ބޭނުމެއް ނޫން، އަހަރެން ބޭނުންވަނީ މީހުންނަށް ހަގީގަތް އެނގެން،" ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ ޔުނައިޓެޑު ކަހަލަ ބޮޑެތި ޓީމުތައް އޮންނަންވާނީ އެންމެ އުހުގައި ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާ މެންޗެސްޓަރ ސިޓީ އަށް ދިޔުމަކީ ވެގެން ނުވާނެ ކަމެއް ކަމަށް ފާގަސަން އޭނާ ގާތު ބުނި ކަމަށެވެ. އަދި އޭނާ އެކަމަށް އާނއެކޭ ވެސް ބުނެފައިވާނެ ކަމަށެވެ.

ރޮނާލްޑޯ ބުނީ އޭނާ ޔުނައިޓެޑު ދެކެ ލޯބިވާ ކަމަށެވެ. އޭނާ ބުނީ ސަޕޯޓަރުން ދެކެ ވެސް ލޯބިވާ ކަމަށާއި، އެ މީހުން އަބަދު ވެސް ތިބެނީ އޭނާގެ ފަޅީގައި ކަމަށެވެ. ރޮނާލްޑޯ ބުނީ ޔުނައިޓެޑުގައި ބައިވަރު ގޯސް ކަންތައްތަކެއް ހުރި ކަމަށާއި، އެކަން ތަފާތު ކުރަން ބޭނުންނަމަ، އެތައް ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗެެއްގައި ރޮނާލްޑޯ ވަނީ މެޗު ނުނިމެނީސް ދަނޑުން ނިކުމެފައެވެ. އެ މެޗަށް ފަހު ޓެން ހާގް ބުނީ، "ރޮނާލްޑޯ މެޗަށް އަރަން ދެކޮޅު ހެދި" ކަމަށެވެ. އެހެންވެ، ޗެލްސީ މެޗުގެ ސްކޮޑުން ރޮނާލްޑޯ ބާކީކޮށް އަދަބު ދިނެވެ.

މި ވާހަކަތަކާއި ގުޅިގެން އަންނަ ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލާނެ ކަމަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތަކުން އަންނަނީ ބުނަމުންނެވެ.