ފްރާންސް ލީގުގައި ރޭ އޯޒެއާ ބަލިކޮށް، ޕީއެސްޖީން ލީގު ތާވަލުގެ އެއްވަނައިގައި ރަނގަޅު ލީޑެއް ނަގައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ އޯޒޭއާއި ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 5-0ންނެވެ. މި މެޗުން މޮޅުވެ، ޕީއެސްޖީ ތާވަލްގެ އެއް ވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 36 ޕޮއިންޓާ އެކު އޮތީ ލޯންސް އެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ. ޕީއެސްޖީގެ އަނެއް ހަތަރު ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ މެންޑޭޒް ނެގި ހުރަހަކުން ސޮލެއާ ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ކައުންޓަ އެޓޭކުގައި ސޮލެއާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ހަކީމީ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ޕީއެސްޖީގެ ހަތަރު ވަނަ ގޯލަކީ ރެނާޓޯ އޭރިއާތެރެއިން ގޯލުގެ ދަނޑީގައި ޖައްސާފައި ޖެހި ލަނޑެެކެވެ. އެކިޓީކޭ، ޕީއެސްޖީގެ ފަހު ލަނޑު ޖެހީ ވެސް އޭރިއާތެރެއިންނެވެ. މިއީ އެކިޓިކޭ ޕީއެސްޖީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލު ވެސް މެއެވެ.

ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނީ އެއްވެސް ކުޅުންތެރިއަކު (ރެސްޓެއް) ބޭނުންވެގެން އޭނާ ހަމައަށް ނާންނަ ކަމަށާއި އިންޖަރީއެއް ވެދާނެތީ ބިރުން ނޫޅެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށެވެ.

މިއީ ވޯލްޑް ކަޕުގެ ކުރިން ފްރާންސް ލީގުގެ ފަހު މެޗު ކަމަށްވާއިރު، ވޯލްޑް ކަޕަށް ފަހު ފްރެންޗް ލީގު ފަށާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ.