ކެމަރޫންގެ ގައުމީ ޓީމުގެ ކޯޗަކަށް އޭސީ މިލާނަށް ކުރިން ކުޅުނު ކްލަރެންސް ސީޑޯފް ހަމަޖައްސައިފިއެވެ.

ކެމަރޫންގެ ކޯޗަކަށް އެންމެފަހުން ހުރީ ބެލްޖިއަމް އަށް އުފަން ހޫގޯ ބްރޫސްއެވެ. ބްރޫސްގެ އިރުޝާދުގެ ދަށުން ކުޅެ މިދިޔަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތް ކެމަރޫން އިން ކާމިޔާބުކުރި ނަމަވެސް ވޯލްޑް ކަޕަށް އެޓީމު ކޮލިފައިނުވުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ކެމަރޫންގެ ކޯޗަކަށް ސީޑޯފް ހަމަޖެއްސިއިރު އޭނާގެ އެސިސްޓެންޓަކަށް ހަމަޖެއްސީ ބާސެލޯނާ އަށް ކުރިން ކުޅުނު ޕެޓްރިކް ކްލައިވެޓްއެވެ. މި މަގާމުތަކަށް ސީޑޯފް އާއި ކްލައިވެޓް ހަމަޖެއްސިކަން އިއުލާންކުރީ ކެމަރޫންގެ ސްޕޯޓް އެންޑް ފިޒިކަލް އެޑިއުކޭޝަން މިނިސްޓްރީންނެވެ.

އެފްރިކާގެ ޓީމުތަކުގެ ކޯޗުން އާއްމުކޮށް ހަމަޖައްސަނީ އެގައުމެއްގެ ފުޓްބޯޅަ އިދާރާގެ ބަދަލުގައި ސަރުކާރުންނެވެ.

ސީޑޯފް ވަނީ މީގެކުރިން އޭސީ މިލާން އާއި ޗައިނާ ލީގުގެ ކްލަބެއް ކަމަށްވާ ޝެންޒެންގެ އިތުރުން ސްޕެނިޝް ލީގުގެ ޑިޕޯޓިވޯ ލަކަރޫނިޔާ އަށް ކޯޗުކަން ކޮށްދީފައެވެ. މިއީ ސީޑޯފް ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދޭ ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން ކްލައިވެޓް ވަނީ މީގެކުރިން ނެދަލޭންޑްސްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ.