ކެމަރޫންގެ ސިޓީއެއް ކަމަށްވާ ކުމްބާގެ މަދާ ފްރެންސިސްކާ އިންޓަނޭޝަނަލް ބިލިންގުއަލް އެކަޑީމީއަށް ދިން ހަމަލާއެއްގައި އަށް ކުއްޖަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމް ވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ސައިކަލަކުން އައި ބަޔަކު މީހުން ތޫނު ހަތިޔާރާއި ބަޑި ހިފައިގެން ސްކޫލު ތެރެއަށް ވަދެގަނެއެވެ.

ކެމަރޫންގައި ހިނގައިދިޔަ މި ހާދިސާ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކުށްވެރި ކޮށްފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ އެ ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ބައެއް ތަކެތި ހޮސްޕިޓަލަށް ފޯރުކޮށްދީފައެވެ.

އެ ގައުމުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މިއީ ކޮންކަމަކާއި ގުޅިގެން ދީފައިވާ ހަމަލާއެއް ކަން ބުނެދޭން ނޭނގޭ ކަމަށެވެ.

"މި ހާދިސާގައި އަށް ކުއްޖަކު ވަނީ މަރުވެފައި. އަދި 12 ވަރަކަށް ކުދިންނާއި މީހުންނަށް ވަނީ ބަޑިއާއި ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން އެކި ވަރުގެ ޒަހަމްތައް ވެފައި. އެ އެންމެންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންދެވިފައި" ޔޫއެން އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތަކެއް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ހަމަލާދޭން ފެށި ވަގުތު ބައެއް ދަރިވަރުންތައް އިމާރާތުގެ ދެވަނަ ފަންގިފިލާއިން ފުންމާލާތަނެވެ. އަދި ގިނަ ބަޔަކު އަވަސް އަރުވާލައިގެން ސްކޫލުން ނުކުންނަތަންވެސް ވީޑިއޯއިން ފެނިގެންދެއެވެ.