ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19)، މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމަށްވާ ކެމަރޫން އިން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

މި ވައިރަސް އެޤައުމުން ފެނިފައިވާކަން އެޤައުމުގެ ސަރުކާރުގެ އޮފިޝަލުން ކަށަވަރުކޮށްދީފައިވާއިރު، ވައިރަސް އަށް އެޤައުމުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 58 އަހަރުގެ ފްރާންސަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ. އެމީހާ ފްރާންސުން އެޤައުމަށް އެތެރެވެފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެމަރޫން އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިފައިވާއިރު، އެ ވައިރަސް ޖެހިފައިވަނިކޮށް ފެނުނު މީހާ ނިސްބަތްވާ ފްރާންސުން މިހާތަނަށް 423 މީހަކު ވަނީ މި ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހަކު މަރުވެފައި ނުވީނަމަވެސް، 23 މީހަކަށް ފަރުވާދެމުންދަނީ ސީރިއަސް ހާލަތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް ދުނިޔޭގެ 93 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ނުދެކޭހައި ނުރައްކާތެރި މި ވައިރަސް ހަލުވިކަމާއެކު ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެންނަމުން ދާއިރު، މިހާތަނަށް މި ވައިރަސް ޖެހިގެން 4000 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 98775 އަށް އަރާފައެވެ.

މި ވައިރަސް ޖެހިފައިވާ އެންމެ ގިނަ ބަޔަކު ފެނިފައިވަނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ އިންނެވެ. އެޤައުމުގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 80،500 އަށްވުރެ މަތީގައި އުޅޭއިރު، އެޤައުމުން އެކަނިވެސް 3000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދެވަނައަށް މި ވައިރަސް ޖެހިފައިވާ މީހުން އެންމެ ގިނަ ޤައުމެއްގެ ގޮތުގައި އޮތީ ދެކުނު ކޮރެއާއެވެ. އަދި ތިންވަނައަށް އެންމެ ގިނަ މީހުން މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީންނެވެ. އިޓަލީން މިހާތަނަށް ދުނިޔޭގެ 26 ޤައުމަކަށް މި ވައިރަސް ފެތުރިފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް މިހާރު ބޮޑުވެފައިވާއިރު، މީގެ ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ، ސިއްޙީ ނުރައްކަލުގެ ހާލަތު މުޅި ދުނިޔެއަށް އިއުލާނުކޮށްފައެވެ. މި ވައިރަސް ދުނިޔޭގައި ފެތުރެން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.