ކޮސްޓަރިކާގެ ކީޕަރު ކޭލާ ނަވާސްއަށް އިތުބާރު އެބައޮތް ކަމަށާއި ސްޕެއިން ބަލި ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިން ފެނާންޑޯ ސުއަރޭޒް ބުނެފިއެވެ.

ސުއަރޭޒް މިހެން ބުނީ މުބާރާތުގެ ގްރޫޕް އީގައި ބުދަ ދުވަހުގެ ރޭ ކޮސްޓަރިކާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. ސުއަރޭޒް ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެކުއެޑޯގެ ކޯޗެއްގެ ގޮތުން މަސައްކަތްކޮށް އެ ޓީމު މުޅިން އަލަށް ގަދަ 16އަށް ގެންގޮސްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ހޮންޑިއުރަސްގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

މި ޕްރެސް ކޮންފަރެންސްގައި އެންރީކޭ ބުނީ ޓީމުގައި މިވަގުތު އޭނާއަށް އެންމެ އިތުބާރު ހިފޭ ކޭލާ ނަވާސް ކަމަށާއި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރުމެންނަށް އެނގޭ ސްޕެއިން އަކީ ވަރުގަދަ ޓީމެއް ކަން. މި ފަހަރު މުޅި ޓީމު ބަރޯސާ ވާ އެކަކަކީ ނަވާސް. އަހަރެން ގަބޫލްކުރާ ގޮތުގައި މި ޒުވާން ކުޅުންތެރިންގެ ޕާފޯމެންސާއެކު ސްޕެއިން ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ. ފުރަތަމަ މެޗަކީ ޕްރެޝަރު މެޗަކަށްވީ ނަމަވެސް މި މެޗު ކާމިޔާބު ކުރަން ޓީމު އޮތީ ތައްޔާރަށް،" ސުއަރޭޒް ބުންޏެވެ.

ކޮސްޓަ ރިކާ ޓީމުގެ އެންމެ މުހިއްމު އަދި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއަކަށް ވަނީ ކޭލާ ނަވާސްއެވެ. އޭނާއަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ގޯލްކީޕަރެކެވެ. މީގެއިތުރުން އޭނާއަކީ ރެއާލް މެޑްރިޑްއަށް ވެސް ކުޅުނު ކީޕަރެކެވެ. އެގޮތުން އެ ޓީމުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު ގޯލު ބަލަހައްޓާފައިވަނީ ނަވާސްއެވެ. އޭނާ ވަނީ ކޮސްޓަ ރިކާ ގައުމީ ޓީމަށް 107 މެޗު ކުޅެދީފައެވެ.

ކޮސްޓަރިކާ އިން ވަނީ ފަސް ފަހަރަށް ވޯލްޑް ކަޕުގައި ކުޅެފައެވެ. އެންމެ ފުރަތަމަ ކުޅުނީ 1990 ވަނަ އަހަރުގައެވެ. އެ އަހަރު ގަދަ 16 ގައި ކުޅުނު ނަމަވެސް ޖެހިގެން އައި ދެ އަހަރު ވޯލްޑް ކަޕަށް ކޮލިފައިއެއް ނުވެއެވެ. އަދި 2006 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ މުބާރާތުގައި ފުރަތަމަ ބުރުން ވަނީ ފެއިލްވެފައެވެ. ނަމަވެސް ރަނގަޅު ސްކޮޑަކާއެކު 2014 ވަނަ އަހަރުގެ ކުއާޓާ ފައިނަލަށް އެޓީމު ވަނީ ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕުގައި ވެސް އެޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވީއިރު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުން ވަނީ ކަޓާފައެވެ.

ކޮސްޓަ ރިކާއަކީ އުތުރު އެމެރިކާގެ ތިންވަނައަށް އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެ ޓީމަކީ ވޯލްޑްކަޕްގައި އެހާ ކާމިޔާބު ޓީމެއް ނޫނެވެ. އެ ޓީމު ފާހަގަ ވަނީ ބޮޑަށް ޑިފެންސިވް ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ. އަދި ޓީމުގެ އެންމެ ވަރުގަދަ ޑިޕާޓުމެންޓެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވެނީ ޑިފެންސްލައިނެވެ.