ފީފާ ވޯލްޑް ކަޕް ގުރޫޕް ސީގެ ހަތަރު ވަނަ މެޗުގައި މިރޭ ދަންވަރު 12 ޖަހާއިރު ބައްދަލުކުރާނީ މެކްސިކޯ އަދި އާޖެންޓީނާއެވެ. މިއީ މި ދެ ޓީމަށް ވެސް ގަދަ 16 ބުރަށް ދިއުމަށް މުހިއްމު މެޗަކަށްވާ އިރު، މި މެޗުން ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާނެއެވެ.

ގުރޫޕް ސީގެ ތާވަލުގެ އެއްވަނައިގައި އޮތީ އާޖެންޓީނާ އަތުން 1-2 ނަތީޖާއިން މޮޅެވެ ތިން ޕޮއިންޓް ހޯދި ސައުދީ އަރަބިއްޔާއެވެ. ދެވަނައިގައި ޕޮލެންޑް އަދި މެކްސިކޯ އޮތީ އެއް ޕޮއިންޓާއެކުއެވެ. އާޖެންޓީނާ ފުރަތަމަ މެޗުން ބަލިވުމާއެކު އެއްވެސް ޕޮއިންޓެއް ނުލިބި އެޓީމު އޮތީ ގުރޫޕް ތާވަލުގެ ފުލުގައެވެ.

އާޖެންޓީނާ ބަލިނުވެ ޖެހިޖެހިގެން 65 މެޗު ހަމަކޮށްފައިވާއިރު، ސައުދީ މެޗުން ބަލިވުމާއެކު އެޓީމު ހަދަމުން އައި ރެކޯޑް ވަނީ ފުނޑިފައެވެ. އާޖެންޓީނާ އިން އެންމެ ފަހުގެ ކޮޕާ އެމެރިކާ މުބާރާތް ވެސް ކާމިޔާބުކުރިއެވެ.

ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި މި މުބާރާތް ކާމިޔާބެއް ނުކުރެވެއެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނެވެ.

ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ ޕްރީ މެޗު ކޮންފަރެންސްގައި ބުނެފައެވެ.

މާޒީއަށް ބަލާއިރު، ފުރަތަމަ މެޗުން ބަލި ވުމަކީ ގަދަ 16 އަށް ދިއުމަށް ނުވަތަ މުބާރާތުގެ ތަށި އުފުލުމަށް އޮތް ހުރައެއް ނޫނެވެ. 2010 ވަނަ އަހަރު ބޭއްވި ސައުތް އެފްރިކާ ވޯލްޑް ކަޕުގައި ވެސް ސްޕެއިން ތަށި އުފުލާފައިވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސުވިޒަލޭންޑް އަތުން ބަލި ވެގެންނެވެ. މިކަމަށް ބަލާއިރު، އާޖެންޓީނާއަށް ސަޕޯޓް ކުރާ މީހުންނަށް އުއްމީދެއް އެބަ އޮތެވެ.

އާޖެންޓީނާގެ ލަފާ ކުރެވޭ ފުރަތަމަ 11:

ލިސެންޑްރޯ މާޓިނޭޒް، ނަހޫލް މޮލީނާ، ކްރިސްޓިއަން ރޮމޭރޯ، އެމިލިއާނޯ މާޓިނޭޒް، މާކޮސް އަކޫނާ، ރޮޑްރިގޯ ޑި ޕައުލް، ގުއިޑޯ ރޮޑްރިގޭޒް، ޑި މާރިއާ، ލިއޮނަލް މެސީ، ޖޫލިއަން އަލްވަރޭޒް، ލައުޓާރޯ މާޓިނޭޒް.

މެކްސިކޯ ކޮޅަށް ނުރައްކާ ކުރާނީ ލިއޮނަލް މެސީ!

މެކްސިކޯ ކޮޅަށް އެންމެ ނުރައްކާ ކުރާނެ ކަމަށް ބެލެވެނީ އާޖެންޓީނާ ޓީމުގެ އެންމެ އިތުބާރު ހިފޭ ކުޅުންތެރިޔާ މެސީއެވެ. މެސީ ވަނީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ގޯލު ޖަހާފައެވެ. އުމުރުން 35 އަހަރުގެ މެސީ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާ އެކު 2005 ވަނަ އަހަރު ޔޫތު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އޭނާ އާޖެންޓީނާގެ ރަސްމީ ޓީމަށް އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި މެސީ ކުޅުނެވެ. މެސީ ވަނީ މިހާތަނަށް ގައުމީ ޓީމަށް ބައިނަލް އަގްވާމީ ދެ ޓްރޮފީ ކާމިޔާބު ކޮށްދީފައެވެ. އެއީ 2019 ވަނަ އަހަރު ކާމިޔާބުކުރި ކޮޕާ އެމެރިކާ މުބާރާތުގެ ތައްޓާއި 2022 ވަނަ އަހަރު އިޓަލީ ބަލިކޮށް ކާމިޔާބުކުރި ފައިނަލިސިމިއާއެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީ ފުޓުބޯޅައިގެ މައިދާނުގައި ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.

މެކްސިކޯއަށް ބަލާއިރު، އެންމެ ފަހުން ޕޮލެންޑާ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާ އެ ޓީމު ވަނީ އެއް ޕޮއިންޓް ހޯދާފައެވެ. މެޗުން އެއްވަރުވި ނަމަވެސް އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ޕާސްތަކެއް ޖެހީ މެކްސިކޯ ޓީމުންނެވެ.

މެކްސިކޯއިން ފާއިތުވި ހަ ފަހަރު މުބާރާތް ފެށި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެމީހުން ވަނީ އޭގެ ތެރެއިން ފަސް މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފައެވެ.

1970 އަދި 1986 ވަަނ އަހަރު ކުއާާޓަރ ފައިނަލަށް ދެވިފައިވީނަމަވެސް އޭގެ ފަހުން މެކްސިކޯއަށް ދެވަނަ ބުރަށްވުރެ ކުރިއަށް ދެވިފައެއް ނުވެއެވެ.

މި ތާރީހް ބަދަލުކުރުމުގެ ޒިންމާ ނަގައި. މެކްސިކޯގެ ޓީމުގެ ހުންގާނާއި ހަވާލުވެ މިފަހަރު ހުރީ ކުރީގެ އާޖެންޓީނާގެ މޮޅު ކުޅުންތެރިޔާ ގެރާރްޑޯ މާރޓިނޯ އެވެ. އޭނާ މެކްސިކޯގެ ޓީމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖަނަވަރީމަހުގައެވެ.

އުމުރުން 60 އަހަރުގެ ތަޖުރިބާކާރު ކޯޗު މެކްސިކޯ ޓީމާއި ހަވާލުވީ 2014ވަނަ އަހަރުގައި ބާސެލޯނާ އާއި އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކޯޗްކަން ކޮށްދީފައެވެ އަދި މެކްސިކޯ އާއިއެކު އޭނާވަނީ ސަރަހައްދީ ފެންވަރުގެ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފައެވެ. ނަމަވެސް މިފަހަރުގެ މުބާރާތަށް މެކްސިކޯ ނިކުންނަ އިރު އެންމެ ގިނަ މީހުން ކުރިމަތިކުރުވާ ސުވާލަކީ މެކްސިކޯގެ ޒުވާން ކުޅުންތެރިން ހިމެނޭ މި ސުކޮޑް އަކީ މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރެވޭނެ ފެންވަރުގެ ސުކޮޑެއްތޯ ކުރެވޭ ސުވާލެވެ. މެކްސިކޯ އިން ވަނީ ފާއިތުވި ހަ އަހަރުވެސް ޖެހިޖެހިގެން މި މުބާރާތަށް ކޮލިފައި ވެފައެވެ. ބްރެޒިލްއާއެކު އެންމެ ގިނަ ފަހަރު ޖެހިޖެހިގެން ދެވަނަ ބުރަށް ގޮސްފައިވާ ގައުމަކީ މެކްސިކޯއެވެ. މެކްސިކޯއަށް ގްރޫޕް ސްޓޭޖުން އެންމެ ފަހުން ވޯލްޑްކަޕްގެ ދަތުރު ނިންމާލަން ޖެހިފައިވަނީ 1978 ވަނަ އަހަރުއެވެ.

މެކްސިކޯގެ ލަފާކުރެވޭ ފުރަތަމަ 11 :

އޯޗޮއާ، ސަންޗޭޒް، އަރާޔޯ، މޮންޓޭސް، ގެލާރްޑޯ، ގުއާޑާޑޯ، އަލްވަރޭޒް، ގުޓިއަރޭޒް، ވެގަ، ޖިމެނޭޒް، ލޮޒާނޯ

މެކްސިކޯގެ ފާހަގަކުރެވޭ ކުޅުންތެރިޔަކީ އަރްވިންގް ލޮޒާނޯ

މެކްސިކޯގެ ގައުމީ ޓީމަށް ކުޅޭ އަރްވިންގެ ލޮޒާނޯ އަންނަނީ ނަޕޯލީގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަޕޯލީއަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނުމުގައިވެސް ލޮޒާނޯ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

މިދިޔަ ވޯލްޑްކަޕުގައިވެސް ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ލޮޒާނޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެެވެ.

މިއީ ލޮޒާނޯ ގެ ދެވަނަ ވޯލްޑްކަޕެވެ.