ފްރާންސާއި ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ ހުއްޓުވަން ޕްލޭނެއް އޮތް ކަމަށް ޑެންމާކްގެ ކޯޗު ކެޝްޕާ ޖޮލްމަންޑް ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސުން ވަނީ އޮސްޓްރޭލިއާ 4-1 އިން ބަލިކޮށްފައެވެ. ހަމަ އެ ގްރޫޕްގައި ދެން ހިމެނޭ ޑެންމާކާއި ޓިއުނީޝިއާ ބައްދަލު ކުރި މެޗު ނިމިފައި ވަނީ 0-0 އިންނެވެ. މި ގްރޫޕްގައި ފްރާންސް މިރޭ ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.

މެޗުގައި އެމްބާޕޭ އަށް ކުޅުނަ ނުދީ، އޭނާ ހިފަހައްޓަން އެއްވެސް މަސައްކަތެއް ކުރާނަންތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ޖޮލްމަންޑު ބުނީ އެމްބާޕޭ ދެކެ ބިރު ގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ މިރޭގެ މެޗުގައި އެމްބާޕޭ ހުއްޓުވާނެ ގޮތުގެ ޕްލޭން އޮތީމަ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންގެ އެބައޮތް އޭނާ (އެމްބާޕޭ) ހުއްޓުވާނެ. ޕާކެންގައި (މިދިޔަ ސެޕްޓެމްބަރު) ގައި އަހަރުމެން އައީ ރަނގަޅު ޕްލޭނަކާ އެކުގައި. ވަރުގަދަ އޮނިގަނޑެއް އޮތް. އަހަރުމެންނަށް ދޭއް ނޫނީ ތިން ފުރުސަތު ލިބުނު. މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް އަންނާނީ ޕްލޭނަކާ އެކު،" ކޯޗު ބުންޏެވެ.

މިދިޔަ ޖޫން މަހު ނޭޝަންސް ލީގުގައި ފްރާންސް އަމިއްލަ ދަނޑުގައި ޑެންމާކް އަތުން ބަލިވީ 2-1 އިންނެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ޑެންމާކްގެ ކޯޕެންހާގެންގައި ކުޅުނު މެޗުން ޑެންމާކް މޮޅުވެފައި ވަނީ 2-0 އިންނެވެ.

ޑެންމާކާ ދެކޮޅަށް މީގެ ކުރިން ފްރާންސް އިން ވަނީ ވޯލްޑް ކަޕްގެ އެކި މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުގައި ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން 1998، 2018 ވަނަ އަހަރު ފްރާންސުން ތަށި ނެގި އިރު، ގްރޫޕް ސްޓޭޖްގައި އެ ޓީމުން ވަނީ ޑެންމާކް ބަލިކޮށްފައެވެ. އެކަމަކު، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ވަނީ 2-0 އިން ޑެންމާކް އަތުން ބަލިވެފައެވެ.

އެހެންކަމުން މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމުގެ ހަތަރު ވަނަ ކުރިމަތިލުމެވެ.

ޖޮލްމަންޑް ބުނީ ޖޮލްމަންޑް ބުނީ ފްރާންސަކީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އޮތް ގައުމެއް ކަމަށާއި ހަމައެގޮތަށް ޑެންމާކަކީ ވެސް ވަރުގަދަ ޓީމެއް ކަން ފްރާންސުން ގަބޫލު ކުރާނެ ކަމަށެވެ.

ޑެންމާކުން މެޗުގައި ރަނގަޅަށް ކުޅެފި ނަމަ، ރަނގަޅު ނަތީޖާއެއް ޓީމަށް ލިބޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް ވެސް ޖޮލްމަންޑް ބުންޏެވެ.

ފްރާންސާއި ޑެންމާކް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރުއެވެ.