އޭނާގެ ބޭނުން ޓީމަށް އޮތްހާ ހިނދަކު ޓީމުގައި ކުޅޭނެ ކަމަށް ވޯލްޑްކަޕުގައި ރޭ އިންގްލެންޑާއި ބައްދަލުކުރި މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ބުނެފިއެވެ.

ރޭ ކުޅުނު މެޗުން ވޭލްސް ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެ ގުރޫޕްގެ ފުލުގައި އޮވެ މުބާރާތް ނިންމާލާފައެވެ.

ނަމަވެސް ޔޫރޯ 2024 ގެ ކޮލިފައިން މާޗްގައި ފަށާއިރު އޭނާ ގައުމީ ޓީމުން ފެންނާނެކަމަށް ބޭލް ވަނީ ވައުދުވެފައެވެ.

"އަހަރެމެންނަށް އެހާ ރަނަގަޅު މުބާރާތަކަށް މި މުބާރާތް ނުވިނަމަވެސް އޭގެ މާނައަކީ މިއީ އަދި ނިމުމެއް ނޫނޭ." އުމުރުން 33 އަހަރުގެ ބޭލް ބުނެފައިވެއެވެ.

"މިވަގުތަކީ އަހަރެމެންނަށް އުނދަގޫ ވަގުތެއް. އެކަމަކު އަނެއްކާވެސް އަހަރެމެން ކުޅޭނަން. ކުރިއަށް އޮތީ މާޗްގައި ފަށާ ޔޫރޯ ކޮލިފައިންގެ މެޗުތައް."

ވޯލްޑްކަޕުގައި އަދި އިތުރަށް މަޑުކޮށްލަން ލިބުނު ނަމަ ވަރަށް އުފާވީސް ކަމަށާއި ނަމަވެސް އަނެއްކާވެސް ބައިނަލް އަގުވާމީ މެޗުތައް ވަރަށް އަވަހަށް ކުޅެން ފަށާނެ ކަމަށް ބޭލް ވަނީ ބުނެފައެވެ.

"އަހަންނަށް ކުޅެވޭ އެންމެ ގިނަ ދުވަހަކު، އަދި ޓީމަށް އަހަރެންގެ ބޭނުން އޮތްހާ ދުވަހަކު އަހަރެން ކުޅޭނަން." ބޭލް ބުންޏެވެ.

ކުރިން ރެއާލް މެޑްރިޑަށާއި ޓޮޓެންހަމް އަށް ކުޅެފައިވާ ބޭލް މި ވޯލްޑްކަޕަށްފަހު ރިޓަޔާވާން އުޅޭ ކަމުގެ އަޑުތަކެއްވެސް ކުރިން ވަނީ ފެތުރިފައެވެ.

ވޭލްސްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ބޭލްއަކީ ވޭލްސްގެ މިހާރުގެ ސްކޮޑްގައި ހުރި އެންމެ ސީނިއަރ އެއް ކުޅުންތެރިޔާއެވެ. ވޯލްޑް ކަޕަށްފަހު ޓީމަށް ބަދަލު އަންނާނެ ކަމުގެ ވާހަކަތަކަށް ބޭލް ވަނީ އިންކާރު ކޮށްފައެވެ.

"އަހަރެމެން މިހާރު އިންތިޒާރުކުރަނީ މާޗަށް. މި ޓީމު އޮންނާނީ އެއްކޮށް. އަހަރެމެންގެ ޓީމް ސްޕިރިޓް ވަރަށް ގަދަވާނެ. އެ ހިތްވަރާއެކު އަހަރެމެން އަނެއްކާވެސް ކުޅޭނީ."

ވޭލްސް ރޭ އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފަށް ނުކުތީ ބޭލް ގެ ބަދަލުގައި ބްރެނެން ޖޯންސަންއާއި އެކުގައެވެ. ފަހުން ބޭލް ބުނެފައިވަނީ މެޗު ފެށުމުގެ ކުރިންވެސް އޭނާގެ ފަލަމަސްގަނޑަށް ވާންވެފައި ހުރިކަމަށާއި، މެޗުގެ ތެރޭގައި އެކަން ބޮޑަށް ގޯސްވި ކަމަށެވެ. އަދި އެކަމާއި ހެދި އޭނާއަށް ނުދުވެވޭ އިރުވެސް ދަނޑުމަތީގައި ހުރުން ވާނީ ވަރަށް އަމިއްލަ އެދުން ބޮޑު ކަމަކަށް ކަމަށް ބޭލް ވަނީ ބުނެފައެވެ.

ޓީމު ތިބީ ދެރަވެފައިވާ ކަމަށާއި މިއަށްވުރެވެސް ރަނގަޅަށް ކުޅެވުނު ނަމައޭވެސް ހިތަށް އަރާ ކަމުގައި އޭނާ ވަނީ ބުނެފައެވެ. އަދި ފުޓްބޯޅައަކީ އުނދަގޫ ކުޅިވަރެއްކަމަށާއި މި ވޯލްޑްކަޕަށް ކޮލިފައިވެވުމަކީވެސް ކާމިޔާބެއް ކަމަށް ބޭލް ވަނީ ސިފަކޮށްފައެވެ. ނަތީޖާ ނުނެރެވުނު ނަމަވެސް ކުޅުންތެރިން ވަނީ ވަރަށް ހިތްވަރާއެކު ކުޅެފައިކަމަށް ވެސް ބޭލް ބުނެފައިވެއެވެ. އަދި މިއީ ތަޖުރިބާއެއް ކަމަށާއި މި މުބާރާތުގައި ހެދުނު ގޯސްތައް ރަނގަޅުކުރާނެ ކަމުގައިވެސް ބޭލް ވަނީ ބުނެފައެވެ.

ގައުމީ ޓީމުގެ ކޯޗު ރޮބް ޕޭޖް ބުނެފައިވަނީ ކުޅުންތެރިން ދެރަވާން ނުޖެހޭނެ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ވަނީ ކުޅެވޭ އެންމެ ފުރިހަމައަށް ކުޅެފައި ކަމަށެވެ. އަދި ވޯލްޑްކަޕާއި ހަމައަށް އާދެވުމަކީވެސް ކުޅުންތެރިންނަށް ލިބުނު ކާމިޔާބެއް ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

މިފަހަރަކީ 1958 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަށް ވޭލްސް ކޮލިފައިވި ފުރަތަމަ ފަހަރެވެ.