އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި މޮޅުވުމުން ކުރިއަަށް ވުރެ ބޮޑު ހިތްވަރެއް އާސެނަލަށް ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުގެ މައްޗަށް 4-2 އިން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ކުޅުންތެރިންނާމެދު އޭނާގެ އިތުބާރު އަބަދު ވެސް އޮންނަ ކަމަށާއި، އެ މޮޅާާއެކު އިތުބާރު އިތުރަށް ބޮޑުވެއްޖެ ކަމަށެވެ. އަދި ކުރިއަށް ވުރެ ބޮޑު އުންމީދެއްގައި ކުޅެމުން އައީ، ކުޅުން ނަތީޖާ އަށް ބަދަލުކުރަން ޖެހޭތީ ކަމަށެވެ. އާޓެޓާ ބުނީ ކުރިން ބްރެންޓްފޯޑާ ދެކޮޅަށް ވެސް އާސެނަލުން ކުރީ އެ މަސައްކަތް ކަމަށާއި، ނަމަވެސް އެ މެޗުން މޮޅުނުވެވުނީ ގޯސް ނިންމުމެއްގެ ސަބަބުން ކަމަށެވެ. އަދި އޭގެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭގެ ބަދަލެއް ހައްގު ކަމަށާއި، ނަމަވެސް ފުޓުބޯޅައިގައި ކަންކަން ނިމޭނީ ދަނޑު މަތިން ކަމަށެވެ.

އާޓެޓާ ބުނީ އެސްޓަން ވިލާ އަތުން ލިބުނު މޮޅާއެކު ވެސް ޤަބޫލު ކުރަން ޖެހޭ ކަމަކީ އަދިވެސް ރަނގަޅު ކުރަން އެތައް ކަމެއް ހުރި ކަމަށެވެ. އެގޮތުން އެކަންކަން އިތުރަށް ދެނެގަނެ، އެކަންކަމަށް މަސައްކަތްކޮށް، އަދި އެކަންކަން ރަނގަޅު ކުރުމުގެ ފެންވަރު އެމީހުންގެ ކިބައިގައި ހުންނާނެ ކަމަށެވެ. އަދި އެސްޓަން ވިލާ މެޗުގެ ފުރަތަމަ ފަސް މިނެޓަށް ފަހު ވެސް ޓީމުން ކުރީ ޝުކުރު ހައްގު ހިތްވަރެއް ކަމަށެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ އަނބުރާލެވުނީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމާމެދު އޭނާ އުފާވާ ކަމަށެވެ. އަދި ކުޅުންތެރިން އެކުގައި ކުރިއަށް ގޮސް ހާސިލުކުރަން އޮތް ކަންތައް އޮތީ ކުރިމަތީގައި ކަމަށެވެ.

ލީގުގައި އާސެނަލް އެއް ވަނައިގައި އޮތީ ކުޅުނު 23 މެޗުން 54 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި މެންޗެސްްޓަރ ސިޓީ އޮތީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 52 ޕޮއިންޓާއެކު އެވެ.