25 އަހަރަށްފަހު ޔުވެންޓަސް ދޫކޮށްލަން އެ ކްލަބަށް ކުޅެމުން އައި އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްލައުޑިއޯ މާކީސިއޯ ނިންމައިފިއެވެ.

އުމުރުން 32 އަހަރުގެ މާކީސިއޯ ޔުވެންޓަސް ދޫކޮށްލާފައިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބުން ވަނީ އިތުރު މިޑްފީލްޑަރަކު ގެނެސްފައެވެ. އެއީ ލިވަޕޫލް އަށް ކުޅެމުން އައި ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާންއެވެ.

ޔުވެންޓަސް އާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވާ އެ ކްލަބު ދޫކޮށްލަން މާކީސިއޯ ނިންމާފައިވާއިރު މި ނިންމުމެއް ނިންމި ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

މާކީސިއޯ އަށް އަށް މިހާރު ވެސް ގިނަ ހުށަހެޅުންތަކެއް އެކި ކްލަބުތަކުން ލިބިފައިވާއިރު އޭގެތެރެއިން އެއް ކްލަބަކީ ކެނެޑާގެ ކްލަބެއް ކަމަށްވާ މޮންޓްރެއަލް އިމްޕެކްޓް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުވެންޓަސް އަށް 389 މެޗު ކުޅެދީފައިވާ މާކީސިއޯ ވަނީ އެ ކްލަބާއެކު ހަތް ފަހަރު އިޓާލިއަން ލީގު އަދި ހަތަރު ފަހަރެއްގެ މަތިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އިޓަލީގެ ކްލަބުތަކަށް ޓްރާންސްފާ މާކެޓު ރޭ ބަންދުވެފައިވާއިރު، މި ޓްރާންސްފާ މާކެޓުގައި ޔުވެންޓަސް އަށް ކުޅެމުން އައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވަނީ އެ ކްލަބު ދޫކޮށްލާފައެވެ. އެގޮތުން ޔުވެންޓަސް އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން އާއި ޑިފެންޑަރު ސްޓެފަން ލީޗެސްޓެއިނާ ވަނީ އެ ކްލަބު ދޫކޮށްލާފައެވެ.

ޔުވެންޓަސް ދޫކޮށްލުމަށްފަހު ބުފޮން ބަދަލުވީ ޕީއެސްޖީ އަށެވެ. އަދި ލީޗެސްޓެއިނާ ބަދަލުވެފައިވާނީ އާސެނަލް އަށެވެ.