މާދަމާ ރޭ އައްޑޫސިޓީގައި ފަށާ ނެސޯ ވަގުތު ފުޓްސަލް ޗެލެންޖް 2023 ގައި އީރާނަށް ނިސްބަތްވާ ދެ ކުޅުންތެރިން ފްރެންޑްސް ކުލަބުން ފެނިގެންދާނެއެވެ.

ފްރެންޑްސް ކުލަބު މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާއިރު، އެޓީމުން ވަނީ އެންމެފަހުން ބޭއްވުނު ގޯދިއްޔާ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެޓީމުން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ޔަންގް ވަންސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ފްރެންޑްސް ކުލަބު ވަނީ 2020 ވަނަ އަހަރު ބޭއްވުނު ވަގުތު ފުޓްސަލް ޗެލެންޖުގައި ވެސް ވާދަކޮށްފައެވެ. އެފަހަރު އެޓީމަށް ރަނގަޅު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، މިއަހަރުގެ މުބާރާތަށް އެޓީމުން ވަނީ ވަރުގަދަ ސްކޮޑަކާއެކު މުބާރާތަށް ތައްޔާރުވެފައެވެ.

ފްރެންޑްސް ކުލަބުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ އީރާނުގެ ދެ ކުޅުންތެރިން ކަމަށްވާ، އަލީ ހޮދަދާދީ އާއި ހާމިދު ހޮދާއީއެވެ. ހޮދަދާދީ އަކީ އެންމެ ފަހުން ބޭއްވުނު ކުލަބު މޯލްޑިވްސް މުބާރާތުގައި ވެމްކޯ ޓީމަށް މޮޅު ހުނަރުވެރި ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. ހޮދަދާދީ ވަނީ 2017 ވަނަ އަހަރު އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރާން ޓީމަަށް ކުޅެފަ އެވެ. އެ ފަހަރުގެ މުބާރާތުގައި އީރާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

މީގެ އިތުރުން ފްރެންޑްސް ޓީމުގައި ހިމެނެނީ، އަލީ ނާފިއު، އަބްދުﷲ ރިޒްމީން، ހުސައިން އާރިޝް ރަޝީދު، ހުސައިން އައިކް، ހުސައިން ގައްސާން ލަބީބް، އަބްދުﷲ އިމްރާން، ހުސައިން ލަތީފް، އަބްދުﷲ ނާސިހު، އަހުމަދު އަޒްމީލް، ހުސައިން ޝާމިން، އަހުމަދު އަޝްފާގް އަދި މުހައްމަދު އާލީ އަބްދުﷲ ޝިފާޒްއެެވެ. މި ކުޅުންތެރިންނަކީ ވެސް އައްޑޫ ފުޓުސަލްގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންނެވެ. މިއީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ފޭދޫއަށް ނިސްބަތްވާ ކުޅުންތެރިން ގިނަ ޓީމުތަކަށްވާއިރު، ފޭދޫ ރައްޔިތުންގެ އެންމެ ފެވަރިޓް އެއް ޓީމެވެ.

ވަގުތު" އިން 2017 އިން ފެށިގެން އައްޑޫ ސިޓީގައި ފުޓްސަލް މުބާރާތް ބާއްވަމުން އަންނަ އިރު، ކުރިއަށް އޮތް މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ" އެވެ. މޭޖާ ސްޕޮންސަރަކީ "ވީބީ" އާއި "ލިބޭ" އެވެ. ޓެލެކޮމް ޕާޓްނަރަކީ "އުރީދޫ" އެވެ. އަދި ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް އާއި ބެސްޓް ބައި މޮބައިލް، އަވަސް ރައިޑް ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"އެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޮންޓްރޯލް ޕީ އެވެ. މުބާރާތުގެ ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކްއީ އިންނެވެ. އޮފިޝަލުންގެ ކިޓް ސްޕޮންސާ ކޮށްފައި ވަނީ ޖާޒިއާ އިންނެވެ.

މި އަހަރުގެ މުބާރާތަކީ ވެސް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 20:30 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑައާއި އެފްސީ މޫލެކެޑެއެވެ.