ރިކޯޑު އަގެއްގައި މި އަހަރު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ސީޒަނުގައި ވެސް އެ ކުލަބުގައި މަޑު ކުރަން ނިންމައިފިއެވެ.

ޔޫރަޕާއި އިނގިރޭސި ވިލާތާއި އިޓަލީގެ ކުލަބުތަކަށް ކުޅުމަށް ފަހު ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވެފައި ވަނީ 136 މިލިއަން ޑޮލަރަށެވެ. ސްޕޯޓިން އިން ފުޓުބޯޅަ ހަޔާތް ފެށި ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުގެ އިތުރުން ޔުވެންޓަސްއަށް ވެސް ކުޅެފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެކަކީ ރޮނާލްޑޯއެވެ.

ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގު ވެސް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ އަށް މި އަހަރުގެ ސީޒަނުގައި މާ ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ރޮނާލްޑޯއަށް އަމާޒުވެފައެވެ.

ފަސް ފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުން މިއަހަރުގެ ސީޒަނުގައި ވާދަކުރި ހުރިހާ މުބާރާތަކުން ކެޓިއިރު، ސައުދީ ސުޕާ ލީގުންވެސް ގޮސްފައި ވަނީ ދެވަނައަށެވެ. އެހެން ކަމުން ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ރޮނާލްޑޯ ކްލަބު ބަދަލު ކުރާނެ ކަމަށެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައި ވަނީ އަލް ނަސްރުގައި އޭނާ ވަރަށް ހިތްހަމަ ޖެހޭކަމަށާއި ބޭނުންވަނީ އެ ކުލަބުގައި މަޑު ކުރަން ކަމަށެވެ. އަދި އިތުރު ކުޅުންތެރިން ވެސް ލީގަށް އައުމުން ލީގު އިތުރަށް ރަނގަޅު ވާނެކަމުގައި ރޮނާލްޑޯ ވަނީ ބުނެފައެވެ.

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގަތުމަށްވެސް ސައުދީގެ ކުލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. ފުރާންސްގެ ޕީއެސްޖީ ދޫކޮށްލަން މެސީ ނިންމުމާ ގުޅިގެން މެސީ ސައުދީގެ ކުލަބަކުން ފެނުން ކައިރި ކަމުގައި މީޑިއާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ. މީގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފުރާންސްގެ ތަރި ކަރިމް ބެންޒެމާ ހޯދުމަށްވެސް ސައުދީގެ ކުލަބަކުން ވަނީ އޮފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާލެ

    ކުރިސްޓިއާނޯ ސައުދީއަށް ދިއުމަށް ނިންމި ނިންމުމަކީ ވަރަށް މޮޅު އަދި ހިއްވަރު ގަދަ ކަމުގެ މިސާލެއް.. ބަޔަކު ކިޔާ އެއްޗަކަށް ނުބަލާ.މިކަމުގެ ސަބަބުން ސައުދީއަށް ދިއުމަ ޖެހިލުން ވާމީހުންނަށް ލިބުނު ހިތްވަރެއް އަދި މކަމުގެ ސަބަބުން ސައުދީއަށް ގިނަ ބަޔަކު ދާނެކަން ޔަގީން.މިއީ ހުޅުވުނު ދޮރެއް.

    10