މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ، ޕޯޗުގަލްގެ އެޓޭކިން މިޑްފީލްޑަރު ބެނާޑޯ ސިލްވާ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ޕީއެސްޖީގެ މިހާރުގެ ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސް މީގެ ކުރިން މޮނާކޯގައި މަސައްކަތްކުރި ދުވަސްވަރު، ސިލްވާއާ ގާތް ގުޅުމެއް އުފެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ސިލްވާ ހޯދުމަށް ކަމްޕޯސް އަންނަނީ ސީދާ އޭނާއާ ވާހަކަދައްކަމުން ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެކަމުގައި ޕީއެސްޖީއަށް އެއްވެސް އަލި މަގެއް ފެނިފައި ނުވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ކަމްޕޯސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.

މޮނާކޯ ދޫކޮށް ސިލްވާ ސިޓީއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އެ އަހަރު އޭނާ ސިޓީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ސިލްވާ ހޯދުމަށްޓަކައި ސިޓީން ވަނީ މޮނާކޯއަށް 50 މިލިއަން ޔޫރޯ ދައްކާފައެވެ. އޭގެ ފަހުން ސިޓީން ސިލްވާ ދޫކޮށްލަން ނިންމި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ސިޓީގައި އޭނާ ދައްކަމުން އައި ކުޅުމާމެދު ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަޖެހޭތީ، ސިޓީން އޭނާ ދޫކޮށްލަން ބޭނުންނުވީ ކަމަށްވެސް ވަނީ ބުނެފައެވެ. ސިޓީއާއެކު ސިލްވާ ހަދާފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

ސިޓީއަށް ބަދަލުވިފަހުން ސިލްވާ ވަނީ މިހާތަނަށް އެ ޓީމަށް 306 މެޗު ކުޅެދީ 55 ލަނޑު ޖަހައިދީފައެވެ. އެ ކުލަބާއެކު އޭނާ ވަނީ 14 ތައްޓެއް ކާމިޔާބުކޮށްފައެވެ.