ބާސެލޯނާއަށް ކުޅެމުން އަންނަ ފްރޭންކީ ޑި ޔޯން ކުލަބުގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އަންނަ ސީޒަނުގައި ބާސާގައި މަޑުކުރާނެ ކަމަށް އޭނާ ބުނެފިއެވެ.

ނެދަލެންޑްސް ޓްރެއިނިން ކޭމްޕެއްގައި ހުރެ ނެރުނު ބަޔާނެއްގައި ޑި ޔޯން ބުނެފައިވަނީ އޭނާ ބާސެލޯނާގައި ހުރީ ވަރަށް އުފަލުން ކަމަށާއި، ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އަންނަ ސީޒަނުގައިވެސް ކުޅޭނީ ބާސެލޯނާއަށް ކަމަށެވެ.

ބާސެލޯނާއާ ޒަވީ ހަވާލުވިފަހުން ޑި ޔޯން ދަނީ ދުވަހަކަށްވުރެ ދުވަހެއް ކުޅުން ރަނގަޅު ކުރަމުންނެވެ. މި ސީޒަނުގައި ބުސްކޭޓްސް ޓީމާ ވަކިވެފައިވާއިރު، ކުރިޔަށް އޮތް ސީޒަނުގައި ބާސެލޯނާގެ މެދުތެރެއަށް އެންމެ މުހިންމު ކުޅުންތެރިއަކަށް ވާނީ ޑި ޔޯންއެވެ. މި ސީޒަނުގައި ބާސެލޯނާއިން ލީގު ކާމިޔާބުކުރި އިރުވެސް އޭނާ އަކީ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ.

މިހާރު ޑި ޔޯން ހުރީ ނެދަލެންޑްގެ ގައުމީ ޓީމާއެކުއެވެ. ނޭޝަންސް ލީގުގެ ސެމީގައި މި މަހު 14 ވަނަ ދުވަހު ނެދަލެންޑް ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ބާސާއިން ވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގެންދިއުމަށް ވެސް މަސައްކަތް ކޮށްފައެވެ. އެކަމަކު ބާސާގެ މުސާރަ ބިލް މިހާރު ވެސް ބޮޑެވެ. މެސީ ފެންވަރުގެ ކުޅުންތެރިޔެއް ގެންނަނަމަ، ލާލީގެގެ ފައިނޭންޝިއަލް ފެއާޕްލޭ އަށް ވުރެ ބާސާގެ މުސާރަ ބިލް ބޮޑުވާނެ އެވެ. ސްޕެއިންގެ "މާކާ" އިން ބުނީ އެ ޓީމުގެ ވޭޖްބިލް ކުޑަ ކުރުމަށް، ކްލަބުން ބައެއް ކުޅުންތެރިން ދޫކޮށްލައި މެސީ ކްލަބަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް، ބާސާގެ ރައީސް ޔޮއާން ލަޕޯޓާ، ޖޯޖް މެސީ ގާތު ބުނި ކަމަށެވެ.