ފީފާގެ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅު ކޮމިޓީގެ މުގައްރިރު ކަން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިނިޝިއަސް ޖޫނިއާ އާ ހަވާލުކޮށްފިއެވެ.

ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުރާސްފަތި ދުވަހު ވިދާޅުވީ މި ކޮމިޓީ އެކުލެވިގެން ވަނީ ނަސްލީ ތަފާތު ކުރުން ހުއްޓުވުމުގެ މަގްސަދުގައި މަސައްކަތް ކުރާނެ ފުޓްބޯޅަ ކުޅުންތެރިންގެ މައްޗަށް ކަމަށެވެ.

" ފީފާގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ބޭނުންވީ ވިނިޝިއަސްއާ ވަކިން މި ވާހަކަދައްކަން. ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތައް އަޅައި، މުޅި ދުނިޔޭގައި އެ އުސޫލުތައް ތަންފީޒުކުރަން އެބަ ޖެހޭ" އިންފަންޓީނޯ ވިދާޅުވިއެވެ.

ލަލީގާގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާގެ ސަޕޯޓަރުންގެ ފަރާތުން ވިނިޝިއަސް ޖޫނިއަރއަށް ވަނީ ނަސްލީ ފުރައްސާރަކުރުމާއި ކުރިމަތިލާން ޖެހިފައިއެވެ.

އެ މެޗު ތެރެއިން ވެލެންސިއާގެ ސަޕޯޓަރުން ވަނީ "ރާމާމަކުނުގެ އަޑު" ލައްވައި ވަރަށް ފާޅުގައި ވިނީޝިއަސްއާ ނަސްލީ ގޮތުން ދިމާކޮށްފައެވެ. އެކަމާ ހިތްހަމަނުޖެހި މެޗުގެ ތެރެއިން، އަތުގެ އިޝާރަތުން ވިނީޝީއަސް ވަނީ އޭނާއާ ދިމާކުރި މީހުންނަށް އިޝާރާތް ކޮށްފައެވެ. އެކަމަކު ރެފްރީ އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅިއެވެ. އޭގެ ފަހުން މެޗުގެ ފަހުކޮޅު ވެލެންސިއާގެ ކުޅުންތެރިންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ވިނީޝިއަސް އަށް ރެފްރީ ރަތް ކާޑު ދެއްކިއެވެ.

މުބާރާތުގެ ކޮމިޓީން ބުނީ، މެޗުގައި ހިނގާދިޔަ މައްސަލައާ ގުޅިގެން 10 މިނެޓަށް މެޗު މެދުކަނޑާލަން ޖެހުމުން ރެފްރީގެ ނިންމުންތަކަށް އަސަރު ކުރި ކަމަށެވެ. އަދި ރަތް ކާޑު ދެއްކީ ހިނގާދިޔަ ހުރިހާ ކަމެއް ރެފްރީއަށް ރަނގަޅަށް ނޭންގޭތީ ކަމަށް ބުންޏެވެ.

ނަމަވެސް، އެންމެ ފަހުން ސްޕެނިޝް ފުޓުބޯޅަ ފެޑަރޭޝަނުން ވެލެންސިއާ މެޗުގައި ވިނީޝިއަސް އަށް ދެއްކި ރަތް ކާޑު މާފުކޮށް، ވެލެންސިއާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.