މި މަހުގެ 21 ވަނަ ދުވަހު އިންޑިޔާގެ ބެންގަލޫރުގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ގައުމީ ޓީމް ރޭ އިންޑިޔާއަށް ހިނގައްޖެއެވެ.

މި މުބާރާތަށް ތައްޔާރު ވުމަށް ޖަޕާނުގައި ތަމްރީނު ހެދުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ޓީމު ވަނީ ލަންކާއަށް ގޮސްފައެވެ. އަދި އިންޑިޔާއަށް ދިޔުމަށް ހަމަޖެހިފައި އޮތް ފްލައިޓު ކެންސަލް ވުމާއެކު ލަންކާގައި ދެ ދުވަހުގެ ތަމްރީނު ތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ވާދަވެރި އެއްވެސް މެޗެއް ދިވެހި ޓީމް ނުކުޅެއެވެ. ޖަޕާނު ކޭމްޕުގައި އެގައުމުގެ ކުލަބަކާއި ދެކޮޅަށް ކުޅުމަށް ރޭވި މެޗުވެސް މޫސުން ގޯސް ވުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ. ޖަޕާނުގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު މުހައްމަދު ފައިސަލްއަށް ވަނީ އަނިޔާ ވެފައެވެ.

ފައިސަލްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭނެ ކަން ކަށަވަރުވީ ލަންކާގައި މަޑު ކުރުމަށްފަހު ހެދި ޓެސްޓުތަކުން ކަމުގައި ގައުމީ ޓީމުގެ މެނޭގަރ މައުލޫމާތު ދެއްވައެވެ. އެހެން ކަމުން ފައިސަލްގެ ބަދަލުގައި ޔުނައިޓެޑު ވިކްޓްރީގެ ޒުވާން ކީޕަރު އަލީ ނާޖިހުއަށް ވަނީ ގައުމީ ޓީމުން ފުރުސަތު ދީފައެވެ.

މި މަހު 21 ގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި މިއަހަރު ސަރަހައްދުން ބޭރުން ދެ ގައުމަކަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން ލުބުނާން އާއި ކުވައިތުން ބައިވެރިވާނެއެވެ. އެހެން ކަމުން މި އަހަރުގެ މުބާރާތް އިތުރަށް ފޯރި ގަދަވެގެން ދާނެ ކަމުގައި ގަބޫލު ކުރެވެއެވެ. މި މުބާރާތް ދެ އަހަރު ކާމިޔާބުކޮށްފައިވާ ދިވެހި ޓީމުގެ އަމާޒަކީ މި އަހަރުގެ މުބާރާތްވެސް ކާމިޔާބު ކުރުން ކަމުގައި އެފްއޭއެމް އިން ވަނީ ބުނެފައެވެ.