ހަތް ގައުމުން ވާދަކުރާ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރޭ މަޑަގަސްކަރައިގައި ފަށައިފިއެވެ.

މިއަހަރުގެ އައިއޯއައިޖީގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން މޮރިޝަސްއާއި، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން އަދި ހޯސްޓް މަޑަގަސްކަރައާއި ސީޝެލްސް އެވެ. ޖުމްލަ 2000 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާ އިރު، ރާއްޖޭގެ 176 އެތުލީޓުން ވާދަކުރާނެއެވެ.

އައިއޯއައިޖީގެ ފެށުން ކުރިއަށް ގެންގޮސްފައިވަނީ މަޑަގަސްކަރައިގެ މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައެވެ. މި ރަސްމިއްޔާތުގައި ވަނީ ސަގާފީ ނެށުންތަކާއި މަޑަގަސްކަރައިގެ ހާއްސަކަން ދައްކުވައިދޭ ހުށަހެޅުންތަކުގެ އިތުރުން ޑްރޯން އަދި ލޭސާ ޝޯއަކާ ވެސް ހުށަހަޅައިދީފައެވެ.

ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުލް ސައްތާރާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހުމަދު (ތަމޫ) ވެސް މިއަދުގެ ފެށުމުގެ އިވެންޓްގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ފެށުމުގެ ރަސްމިއްޔާތުގައި މިއަހަރުގެ އައިއޯއައިޖީގައި ވާދަކުރާ ހަތް ގައުމުގެ އެތުލީޓުންނާއި އޮފިޝަލުން ހިމެނޭ ކޮންޓިޖެންޓްތަކުން އެގައުމުތަކުގެ ދިދަ ވިހުރުވާލައި ޕެރޭޑްގައި ބައިވެރިވެފައިވެ އެވެ.ރާއްޖޭގެ ކޮންޓިޖެންޓްގެ ދިދަ ވިހުރުވާލަ ދިނީ 2019 ވަނަ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ރާއްޖޭގެ ފިރިހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ.

ޖުމުލަ 17 ކުޅިވަރުގައި އެތުލީޓުން ވާދަކުރާއިރު ރާއްޖެއިން ބައިވެރުވެފައިވާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނެވެ.