އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅުނު ފުރަތަމަ މެޗު, ރީޔުނިއަން އަތުން ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި ގައުމީ ފިރިހެން ޓީމު ހިމެނިފައިވަނީ ގުރޫޕު އޭގައެވެ. ރާއްޖެއާއި ރިޔޫނިއަންގެ އިތުރުން މި ގުރޫޕުގައި ހިމެނިފައިވަނީ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ މަޑަގަސްކަރައެވެ. ގުރޫޕު ބީގައި ހިމެނެނީ ސީޝެލްސް، ކޮމޮރޮސް އަދި މޮރިޝަސްއެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.

މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-18އިން ކާމިޔާބުކުރީ ރިޔޫނިއަންއެވެ. ދެވަނަ ސެޓު ދިޔައީ ފުރަތަމަ ސެޓަށްވުރެ ފޯރިގަދަކޮށެވެ. ގައުމީ ޓީމުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް، ދެވަނަ ސެޓުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މެޗުގެ އެންމެ ފޯރިގަދަ ސެޓު ރިޔޫނިއަން ކާމިޔާބުކުރީ 29-27ންނެވެ.

ރާއްޖެއިން ވަނީ މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކޮށް އުންމީދު އާކޮށްފައެވެ. ތިންވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-19ގެ ނަތީޖާއަކުންނެވެ. ނަމަވެސް، ރިޔޫނިއަން ވަނީ ހަތަރުވަނަ ސެޓު 25-22ން ކާމިޔާބުކޮށް، މެޗުން މޮޅުވެފައެވެ.

ގައުމީ ފިރިހެން ޓީމު ކުޅޭ ދެވަނަ މެޗު އޮންނާނީ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެ ނިކުންނާނީ މަޑަގަސްކަރައާ ދެކޮޅަށެވެ. މެޗުން މޮޅުވެގެން، ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބޭނެއެވެ.

ގައުމީ ފިރިހެން ޓީމުގެ އިތުރުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ވެސް ވަނީ މިއަދު މޮރިޝަސް އަތުން ބަލިވެފައެވެ. މެޗުގެ ސެޓުތައް މޮރިޝަސް އިން ކާމިޔާބު ކުރީ 25-11، 25-16 އަދި 25-20 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ދިވެހިންނަށް ހަމަ މިނޫންވަރަެއް ނުވަނީތަ ؟

    1
    1
  2. އަހްމަދު

    ދިވެހިންނަށް ވާ ޙައްޤު މިންވަރު! ރަނގަޅު ތަޖްރިބާއެއް ލިބުނޭ ބުނާނީ! މިހެން ކިޔާކިޔާ ތިއްބާ ދެޖީލެއް މުސްކުޅިވެއްޖެ! ހަމަ އަނެއްކާވެސް ތަޖްރިބާކޮށްލަނީ!!! ބޭކާރު ޙަރަދު ކުރުން ހުއްޓާލަކަށް ނުވޭތޯ!!!

  3. ރަޔާން

    ކުޅެފިތަ ؟ ބަލިވާނެ. މިކަހަލަ އަޑުތައް އަހާ އަހާ ފޫހި ވެއްޖެ. އެކަމަކު ބައްޗަން ހެދިގެން އުޅޭނީ