• އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފައިނަލަކުން ޖާގަ ހޯދައިފިއެވެ.

ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 2-3 ގެ ނަތީޖާއިން ރީޔުނިއަން ބަލިކޮށްގެންނެވެ. މީގެ ކުރިން ފިރިހެން ޓީޓީ ޓީމަށް ފައިނަލަކުން މިފަދަ މުބާރާތުން ޖާގަ ލިބިފައިނުވާއިރު، މިފަހަރު ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ބަލިވިނަމަވެސް، ދެވަނަ ސެޓުގައި ލެ ބްރެޓަން ތޯމަސް ކައިރިން ވަނީ 7-11 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ލެ ބްރެޓަން ވަނީ ފަހު ދެ ސެޓު 11-8 އަދި 11-6 ން ކާމިޔާބުކޮށްފައެވެ.

ދެވަނަ ގޭމުގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ވަނީ 3-2 ގެ ނަތީޖާއަކުން ކުއެންޓިންގެ މައްޗަށް ކުރިހޯދާފައެވެ. ފުރަތަމަ ސެޓު 13-11 އިން ޝައްފާން ކާމިޔާބުކުރިއިރު، ޖެހިގެން އަދި ދެ ސެޓު ކާމިޔާބުކުރީ ކުއެންޓިންއެވެ. ރިޔޫނިއަންގެ ކުޅުންތެރިޔާ ދެ ސެޓުވެސް ކާމިޔާބުކުރީ 12-10 ގެ ނަތީޖާއަކުންނެވެ. ޝައްފާން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް، ފަހު ދެ ސެޓު 11-8 އަދި 12-10 ން ކާމިޔާބުކޮށްފައެވެ.

ތިންވަނަ ގޭމުގައި އަހުޔާރު އަހުމަދު ހާލިދު އާއި ޕޮތިން ޖީން ސެބަސްޓިއަން ވާދަކުރިއިރު، ދެ ސެޓު 11-6 އަދި 11-5ން ވަނީ ކާމިޔާބު ކޮށްފައެވެ. ތިންވަނަ ސެޓު 11-9 ން ކާމިޔާބުކުރީ ސެބަސްޓިއަން އެވެ. ފަހު ސެޓުން އަޚްޔާރު މޮޅުވެފައިވަނީ 11-9 ގެ ނަތީޖާއަކުންނެވެ.

ހަތަރުވަނަ ގޭމު ކާމިޔާބުކޮށް، ރިޔޫނިއަން އިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.މެޗުގެ ފަހު ސެޓުގައި ރާއްޖޭގެ މުންސިފް ވަނީ ސީދާ ތިން ސެޓުން ރިޔޫނިއަންގެ ކުއެންޓިން ބަލިކޮށްފައެވެ. މުންސިފް ފުރަތަމަ ސެޓު 11-7ން ކާމިޔާބުކޮށްފައިވާއިރު، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކުރީ 11-6 އިންނެވެ.