ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށާނެއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ މެޗުތައް މުޅި ރާއްޖެއަށް ފެންނާނޭހެން ހުރިހާ މެޗެއް ލައިވް ކުރަމުން ދެއެވެ. އެެގޮތުން ހުރިހާ މެޗެއް ފޭސްބުކް ލައިވް ގެނެސްދޭއިރު، މިރޭ ފަށާ ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ މެޗުތަކުގެ ޚަބަރުތައް، ޚަބަރު އޮންލައިނާއި، ވަގުތު އޮންލައިން އަދި ޕީއެސްއެމުން ދަނީ ގެނެސް ދެމުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށާއިރު މިރޭ ދެ މެޗު ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ. ފުރަތަމަ މެޗުގައި ވާދަކުރަނީ ގްރޫޕް ބީގެ ތިންވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދި ކޭސީސީއާރުސީ އާއި، މުބާރާތުގެ ގްރޫޕް ސްޓޭޖް ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއިއެކު މުބާރާތުގެ ކުއާޓާގެ ޖާގަ ޔަގީން ކުރި ކުލަބް ކޭއާރުއެޗްއެވެ. މިމެޗު ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.

ދެވަނަ މެޗަކީ ޗުއާޓާ ފައިނަލުގައި ފެނިގެންދާނެ އެންމެ ވަރުގަދަ އެއް މެޗެވެ. މިމެޗުގައި ވާދަކުރަނީ ޤައުމީ ސަލާމަތީ ދެބާރެވެ. ސިފައިންނާއި ފުލުހުންގެ ކުރިމަތިލުން އޮންނާނީ މިރޭ 21:30 ގައެވެ. މިމެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ.