ދިވެހި ޕްރިމިއަރ ލީގަށް ޓީމުތައް ހޮވުމަށް ބާއްވަމުން އަންނަ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އެފްއޭއެމުން އަނެއްކާވެސް ފަސްކޮށްފިއެވެ.

އެއިދާރާއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެރޭ އެންމެ ފުރަތަމަ ކުރި ޕޯސްޓްގައި ބުނެފައިވަނީ މުބާރާތް ފަށާނީ ނޮވެމްބަރު 25 ގައި ކަމަށެވެ. އޭގެ ކުރިން ކްލަބްތަކަށް އަންގަމުން ދިޔައީ ނޮވެމްބަރު 20 ވަނަ ދުވަހު މުބާރާތް ފަށާނެ ކަމަށެވެ. މީޑިއާއަށް މައުލޫމާތު ދޭ ގްރޫޕްގައި ވެސް މީގެ ކުރިން އެފްއޭއެމް އިން ވަނީ ނޮވެމްބަރު 20 ގައި މުބާރާތް ފަށާނެ ކަމަށް ބުނެފައެވެ.

ދެވަނަ ޑިވިޝަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ނިއުރޭޑިއަންޓާއި, ވިކްޓްރީން ޕްރެކްޓިސް ފެށިއިރުވެސް ބުނީ ނޮވެމްބަރު 20 ގައި މުބާރާތް ފަށާނެކަމަށް އަނގަބަހުން އަންގާފައި ވާކަމަށެވެ. ނަމަވެސް އޭރުވެސް ނިއުރޭޑިއަންޓްގެ ކޯޗު އަހުމަދު ނިމާދު ބުނަމުން އައީ، އެއީ އަނގަބަހުން އޮތް, ރަސްމީ ކުރުމެއް ނެތް އެންގުމަކަށްވާތީ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

މުބާރާތުގެ ތާރީޚަށް ގެނައި ބަދަލާ ގުޅިގެން ކްލަބްތަކުން ޑިސެންބަރުގެ ނިޔަލަށް ބިދޭސީ ކުޅުންތެރިންނާއެކު ހެދި އެއްބަސްވުން ޖެނުއަރީގެ ނިޔަލަށް އިތުރު ކުރަން ޖެހި, ޚަރަދު އެތައް ތަނަކުން ބޮޑުވާނެއެވެ. ޕްރެކްޓިސް ފެށި ބައެއް ކްލަބްތަކުން މިހާރު ކުޅުންތެރިންނާއެކު އެއްބަސްވުން ހަދާފައިވަނީ ސެޕްޓެމްބަރުން ޑިސެންބަރަށެވެ

އެފްއޭއެމްއިން ރާވާ ހިންގާ ހަރަކާތްތައް ފަށާނެކަމަށް, ނިމޭނެކަމަށް ބުނާ ތާރީޚުތަކަކީ ވެސް އިތުބާރެއް, ޔަޤީންކަމެއް ނެތް އެއްޗަކަށް ވަނީ ވެފައެވެ. ދިވެހި ޕްރިމިއަރ ލީގު އަލުން ފަށާނެ ތާރީޚެއް ވެސް ނޭނގެއެވެ. ޕީޖީ އޮފީހުން ބަލަމުން ގެންދާ މައްސަލަ އަކާއި ގުޅިގެން ފުލުހުން އެފްއޭއެމް އޮފީއަށް ވަދެ ތަހުގީގަށް ބައެއް ލިޔުންތައް ގެންދިޔުމާއި ގުޅިގެން، މުބާރާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމްއިން ވަނީ ކުރިން ބުނެފައެވެ.