މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އަކީ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ސްޕެއިންގެ ފުޓުބޯޅަ ލެޖެންޑް އަދި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ

ޒަވީ މިހެން ބުނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ އެވޯޑު އަށް ވަނަ ފަހަރަށް މެސީ ހޯދުމާ ގުުޅިގެން ވާހަކަ ދައްކަމުންނެވެ.

ޒަވީ ބުނީ، އޭނާ ދެކޭ ގޮތުގައި މެސީ އަށް ބެލޮންޑިއޯ އެވޯޑު ހައްގު ކަމަށެވެ. މެސީ ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިކަން ފާހަގަކޮށް ޒަވީ ބުނީ، އެވޯޑާމެދު ދެބަސްވުމެއް ނެތީ އެ ސަބަބާ ހުރެ ކަމަށެވެ. ޒަވީ ބުނީ މެސީގެ ކާމިޔާބީއާ ގުޅިގެން އޭނާ މެސީއާ ވާހަކަ ދައްކައި، މަރުޙަބާ ކިޔާފައިވާނެ ކަމަށެވެ. އިތުރަށް އޭނާ ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މެސީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

މީގެ އިތުރުން ޒަވީ ވަނީ އަންހެން ބެލޮންޑިއޯ އެވޯޑު ހޯދި އައިޓާނާ ބޮންމާޓީގެ ވާހަކަ ވެސް ދައްކައިފަ އެވެ. ޒަވީ ބުނީ މިދިޔަ ސީޒަނުގައި ބާސެލޯނާގެ އަންހެން ޓީމުން ހޯދި ހުރިހާ ކާމިޔާބީއެއްގައި ބޮންމާޓީގެ ހިއްސާ އޮންނާނެ ކަމަށާއި، އެހެންކަމުން އޭނާ އަށް އެ އެވޯޑު ހައްގު ކަމަށެވެ. އިތުރަށް ޒަވީ ބުނީ ބޮންމާޓީ އަކީ މުސްތަޤުބަލު އޮތް އުންމީދީ ކުޅުންތެރިޔެއް ކަމަށެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑާއެކު، މެސީގެ ރެކޯޑަށް ވަނީ އިތުރު ފުރިހަމަ ކަމެއް ލިބިފަ އެވެ. އޭނާ ވަނީ އަށް ފަހަރަށް ބެލޮންޑިއޯ އެވޯޑު ކާމިޔާބު ކޮށްފަ އެވެ. އޭނާއާ އެންމެ ގާތުން މިއެވޯޑު ހާސިލްކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު އެވޯޑު ކާމިޔާބު ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޙަޤީޤަތުގައި ވެސް މެސީ އަކީ އަދި މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ފުޓޮބޯޅަ ކުޅުންތެރިޔާއެވެ. ޕެލޭ މަރޭއެއް ރޮނާލްޑޯއެއް ޕްލެޓިނީއެއް ޒިކޯއެއް ޒިދާނެއް ކިޔާނެކަމެއް ނެތެވެ. މިއީ ތަފާސް ހިސާބުތަކުންނާއި ރައްކާ ކުރެވިފައިވާ ވީޑިއޯ ފުޓޭޖްތަކުންވެސް

    3
    1
  2. މޫސާ ހަލީމް

    ޙަޤީޤަތުގައި ވެސް މެސީ އަކީ އަދި މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ފުޓޮބޯޅަ ކުޅުންތެރިޔާއެވެ. ޕެލޭ މަރޭއެއް ރޮނާލްޑޯއެއް ޕްލެޓިނީއެއް ޒިކޯއެއް ޒިދާނެއް ކިޔާނެކަމެއް ނެތެވެ. މިއީ ތަފާސް ހިސާބުތަކުންނާއި ރައްކާ ކުރެވިފައިވާ ވީޑިއޯ ފުޓޭޖްތަކުންވެސް އެގެންހުރި ކަންކަމެވެ.

    2
    2
  3. މަހިބަދޫ މީހާ

    ޢަމަރަންދޯ މެރެޑޯނާގެ ފަހަތުން ދެން އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ

  4. ޒައިނުއްދީން

    މެސީ އަކި ތިބުނާހާ މޮޅު ކުޅުންތެރިއެއްނޫން. ﷲ ގެ އިރާދަފުޅުން އޭނައަށް އެހާ މޮޅަށް ފުޓްބޯޅަ ކުޅެވެނީ. ވެރިކަމަކީ ވެސް ﷲ ދެއްވާ އެއްޗެއް. ޑރ، މުއީޒް އަކީ ސިޔާސީގޮތުން އަދި ފައިސާ އާއި ތަނަވަސްކަމާއި ނުފޫޒުގެތުންވެސް ޕީޕީއެމްގައި އެހާ ބުރަދަނެއް ހުރި މީހެއް ނޫން. އެކަމަކު ﷲ ކުޅަދުންވަންތަ ކަމުން މުއީޒަށް ވެރިކަން ލިބުނީ. ނޫސްވެރިއަކު ދިވެހިބަހުންކުރާ ސުވާލަކަށް ޖަވާބުދޭން ނޭނގޭ އަދި އިނގިރޭސި ބަހުން ރަނގަޅަށް ލިޔަން ކިޔަން ނޭގޭ އިބޫ ސާލިހައްވެސް ވެރިކަން ލިބުނީ ﷲ ވެރިކަން ދެއްވީމައި. ހަމައެގޮތައް ބެލޫން ޑިއޯ ވެސް މެސީ އަށް ލިބުނީ ﷲ ގެ ކުޅަދުންވަންތަކަމުން. ޙާލަންޑަށް އެވޯޑު ނުލިބުނީވެސްއެގޮތައް ތަގުދީޜުގައި ލިޔެވިފައި އޮތުމުން.