ރޭ ލިއޮން އަތުން ބަލިވެ ޔުވެންޓަސް ޗެންޕިއަންސް ލީގުން ވަކިވުމާއި އެކު އެ ޓީމުގެ ކޯޗު މައުރިޒިއޯ ސާރީ މަގާމުން ވަކިކޮށްފި އެވެ. މިދިޔަ އަހަރު ޖޫން މަހު ސާރީ ޔުވެންޓަސްގެ ކޯޗު ކަމާއި 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ހަވާލުވި އިރު މިދިޔަ މަހުގައި ވަނީ އިޓާލިއަން ލީގު ޔުވެންޓަސް އާއި އެކު ކާމިޔާބު ކޮށްފައެވެ.

ޔުވެންޓަސްގެ ވެބްސައިޓުން މިއަދު ސާރީ އެޓީމުގެ ކޯޗުކަމުން ވަކި ކުރިކަން ރަސްމީކޮށް އިއުލާން ކުރިއިރު ބުނެފައިވަނީ ވޭތުވެ ދިޔަ އަހަރު އެ ޓީމަށް ކޮށްދިން މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މީގެ އިތުރުން ކުލަބުން ބުނީ ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ކުލަބަށް ލީގު ކާމިޔާބުކޮށްދިނުމުގައި ސާރީ ކުރި މަސައްކަތްތަށް އެ ޓީމުގެ ތާރީހުގައި ލިޔެވިގެންދާނެ ކަމަށާއި، އިޓާލިއަން ލީގުގެ ދަށް ޑިވިޝަނުން ފަށައިގެން މިއަދު އެ ހުރި ހިސާބަަށް އައުމަށް ކުރި މަސައްކަތް ކުލަބުން ބަލައިގަންނަ ކަމަށެވެ.

ފާއިތުވި އަހަރު ތަކުގައި ނަޕޯލީ އަދި ޗެލްސީއަށް ކޯޗުކަން ކޮށްދިން ސާރީ އަށް ވަނީ މިސީޒަންގެ ފަހު މެޗުތަކުގައި އިޓާލިއަން ލީގުގައި މާ އެދެވޭ ނަތީޖާއެއް ނުނެރިވިފައެވެ. ފަހުން ކުޅުނު ގިނަ މެޗުތަކުން ޔުވެންޓަސް ބަލިވެފައި ވުމާއެކު ސާރީއަށް ވަނީ އެކިއެކި ފާޑު ކިއުންތަކާއި ކުރިމަތިވެފައެވެ. ރޭ ޗެންޕިއަންސް ލީގުގެ ރައުންޑްއޮފް 16 ގެ ދެވަނަ ލެގުން ޔުވެންޓަސް މޮޅުވި ނަމަވެސް އެ ޓީމު މުބާރާތުން ކެޓީ ލިއޮންއަށް ލިބުނު އަވޭ ގޯލުގެ އެޑްވާންޓޭޖާއި އެކުގައެވެ.

ޗެލްސީއާއި އެކު ޔޫރަޕާ ލީގު ކާމިޔާބުކޮށްފައިވާ ސާރީ ވަނީ އެ ޓީމު ޕްރިމިއާ ލީގުގެ ގަދަ ތިނަކަށް ގެންގޮސް ދީފައެވެ. ނަޕޯލީގައި ވަރުގަދަ ޓީމެއް އުފައްދާފައިވާ ސާރީ އޭނާގެ ފުޓުބޯޅަ ކޯޗުކަމުގެ ގިނަ ދުވަސްތަށް ހޭދަކުރީ އިޓަލީގެ ދަށް ޑިވިޝަންތަކުގަ އެވެ.