އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ބޮލޮގްނާ ބައްދަލު ކުރި މެޗު މިލާނުން ކާމިޔާބު ކޮށް ސީޒަންގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗު ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މިލާނުން ކުޅުނުއިރު ފުރަތަމަ ހާފްގެ 35 ވަނަ މިނަޓްގައި މިލާނުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން ބޮލުން ކާމިޔާބު ކުރީ ޒަލަޓަން އިބްރާހިމޮވިޗެވެ. މެޗުގެ ފުރަތަަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން މިލާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ 50 ވަނަ މިނެޓުގައި އިބްރާހިމޮވިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިލާނަށް ލީޑު ފުޅާކޮށް ދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއެއް ގައެވެ. ދެވަނަ ހާފްގައި ބޮލްގޮނާއިން ނުރައްކާތެރި ދެ ހަމަލާ ފޮނުވާލި އިރު މިލާންގެ ކީޕަރު ޑޮނަރުމާ ވަނީ ދިފާއު ކޮށްފައެވެ. މި މެޗުގެ 88 ވަނަ މިނަޓްގައި މިޓްޗެލް ޑިޖިކްސް އަށް ވަނީ ދެވަނަ ރީދޫ ކާޑާއި އެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މެޗަށް ފަހު އިބްރާހިމޮވިޗް ބުނީ އޭނާގެ އުމުރުން 20 އަހަރު މިހާރު ވެފައި ހުރި ނަމަ މި މެޗުގައި 4 ލަނޑު ކާމިޔާބު ކުރިސް ކަމުގައެވެ. މި މެޗުން މޮޅުވެ މިލާން މިހާރު ތާވަލްގެ ތިންވަނާގައި އޮތްއިރު ބޮލޮގްނާ އޮތީ ތާވަލްގެ 17 ވަނާގައެވެ.