ކާރު އެކްސިޑެންޓެއްގައި ދުނިޔޭގެ ކުރީގެ އެއްވަނަ މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސްއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އެމެރިކާގެ ލޮސް އެންޖެލްސް ކައުންޓީގައި މި އެކްސިޑެންޓް ހިނގިއިރު ކާރު ދުވަން އިނީ ޓައިގާ ވުޑްސް އެކަނި ކަމަށް އެމެރިކާގެ އެ ސިޓީގެ ފުލުހުން މައުލޫމާތުދެއެވެ. އަދި އެކްސިޑެންޓް ހިނގި ގޮތް އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ޓައިގާ ވުޑްސް އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓައިގާ ވުޑްސްގެ ފައިގެ އެކި ތަންތަނަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަދި ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހޭ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ޓައިގާ ވުޑްސް އެކްސިޑެންޓްވި ކާރު، އަދި އޭނަ އިން ތަން ރަތް ތީރަކުން ފާހަގަކޮށްފައި

ޓައިގާ ވުޑްސް ދުއްވި ކާރަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެ އެކްސިޑެންޓްގެ ކުރިން ބާރު ސްޕީޑުގައި ޓައިގާ ވުޑްސް ކާރު ދުއްވާފައިވާ ކަމަށެވެ. މި އެކްސިޑެންޓް އެމެރިކާގެ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އަދި މިހާތަނަށް ބެލި ބެލުމުން މިއީ މަސްތުވުމާ ގުޅިގެން ހިނގި ކަމެއް ނޫން ކަމަށްވެއެވެ.

ދުނިޔޭގެ ގޯލްފް ތާރީހުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ އުމުރުން 45 އަހަރުގެ ޓައިގާ ވުޑްސް އަކީ 2019 ވަނަ އަހަރު އެމެރިކާގެ އެންމެ ޝަރަފްވެރި މެޑަލްތަކުގެ ތެރޭގައި ހިމެނޭ މެޑަލް އޮފް ފްރީޑަމް ލިބިފައެވެ. އަދި އޭނާގެ ކެރިއަރުގައި ޖުމްލަ 15 ތަށި މިހާތަނަށް ހޯދިއެވެ.