އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތްހެމްޓަން ބަލިކޮށް، ލިވަޕޫލް ތާވަލްގެ ދެވަނަ އަށް ވަގުތީ ގޮތުން ޖެހިލައިފިއެވެ.

ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް އިން ސައުތްހެމްޓަން ބަލި ކުރީ 4-0 އިންނެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފް ތިން ލަނޑު ޖަހައިފައެވެ. އެގޮތުން ފުރަތަމަ ދެ ލަނޑު ލިވަޕޫލް އަށް ޖަހައިދިނީ ޕޯޗުގަލް އަށް ކުޅެމުން އަންނަ ޑިއޭގޯ ޖޯޓާއެވެ. އަދި ތިން ވަނަ ލަނޑު ޖަހާފައި ވަނީ ސްޕެއިންގެ ތިއާގޯ އަލްކަންޓްރާއެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު، ފަހު ހާފުގައި ޖަހާފައި ވަނީ އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ވަރުގަދަ ކުޅުންތެރިޔާ ވެން ޑައިކްއެވެ.

މި މޮޅާއެކު، ލިވަޕޫލް އަށް ތާވަލްގެ ދެވަނަ ލިބެނީ ކުޅުނު އަށް މެޗުން މޮޅުވެ 28 ޕޮއިންޓާއެކުގައެވެ. ތާވަލްގެ އެއްވަނައިގައި އެއް މެޗު މަދުން ކުޅެގެން 29 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. ލިވަޕޫލްގެ ފަހަތުން ވިއްދާފައި އޮތީ 26 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީއެވެ.

މެންޗެސްޓާ ސިޓީ އާއި ވެސްޓްހަމް ޔުނައިޓް މާދަމާރޭ ނުކުންނަ އިރު، ޗެލްސީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު، އާސެނަލް ވަނީ ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފައެވެ. އެ ޓީމަށް މިހާރު ލިބިފައި ވަނީ 23 ޕޮއިންޓެވެ. ތާވަލްގެ ފުލުގައި ހަ ޕޮއިންޓާއެކު އޮތީ ނިއުކާސަލް ޔުނައިޓެޑެވެ.

އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗުން 2-1 އިން މޮޅުވީ އެސްޓަން ވިލާއެވެ. އަދި ވުލްވަހެމްޓަން ވޮންޑްރާސް އަދި ނޯވިޗް ސިޓީ ބައްދަލު

ކުރި މެޗު ނިމިފައި ވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.