ޔުއެފާ ޗެމްޕިއަންސް ލީގުގައި 3-4 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް މެންޗެސްޓާ ސިޓީން ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ތިން ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރިޔާދް މަހްރޭޒް އޭރިޔާ ތެރެއަށް ނަގައިދިން ހުރަހެއްގައި ޑައިވިން ހެޑާއަކުންނެވެ.

މި ލަނޑަށްފަހުވެސް ސިޓީން ކުރިޔަށް ޖެހި މޮޅަށް ކުޅެމުން ގޮސްފައިވާއިރު، އެޓީމުން މެޗުގެ ލީޑު ފުޅާކުރީ 11 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ޑިބްރޭނާ ނަގައިދިން ހުރަހަކުން ގެބްރިއަލް ޖީސަސްއެވެ.

މިއާއެކު، ސިޓީން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ކުރިޔަށް ޖެހި ރެއާލްއަށް ކުޅެން ފުރުސަތު ނުދީއެވެ. ނަމަވެސް ރެއާލް އިން ދިޔައީ ލިބޭ މަދު ފުރުސަތުގައި ސިޓީގެ ހާފަށް ބާރުބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ދެ ލަނޑަށްފަހު ކައުންޓާ އެޓޭކުގައި ސިޓީއަށް ލީޑު ފުޅާކުރަން ރަނގަޅު ދެ ފުރުސަތު ވަނީ ލިބިފައެވެ. ނަމަވެސް މަހްރޭޒް އަދި ފޮޑެންއަށް މި ލިބުނު ފުރުސަތުތައް ގޯލަކަށް ބަދަލުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ރެއާލް އިން ނަތީޖާގެ ފަރަގު ކުޑަކުރީ 33 ވަނަ މިނެޓުގައި މެންޑީ ނަގައިދިން ހުރަހަކުން ކަރިމް ބެންޒެމާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑާއެކު ސިޓީން ވަނީ 36 ވަނަ މިނެޓުގައި ޖޯން ސްޓޯންސްގެ ބަދަލުގައި ފެނާންޑީނިއޯ ކުޅެން އަރުވާފައެވެ.

ރެއާލްއިން ވަނީ ލަނޑާއެކު އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ސިޓީގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފެއްދުމަށް އެޓީމުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިފައިވަނީ 1-2 ގެ ނަތީޖާއަކުން ރެއާލްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލީޑު ފުޅާކުރަން ސިޓީއަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މަހްރޭޒްއަށް ލިބުނު މި ފުރުސަތު ގޯލު ދަނޑިއަށް އަމާޒުވިއިރު، އަނބުރާ އެ ބޯޅަ ފޮޑެންއަށް ލިބުމުން އޭނާއަށްވެސް ހަމަލާ ފޮނުވާލެވުނީ ރެއާލްގެ ޑިފެންޑަރު ކަވަހާލްއާ ދިމާލަށެވެ. އެގޮތުން ކަވަހާލް ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

ސިޓީން މެޗުގެ ލީޑު ފުޅާކުރީ 53 ވަނަ މިނެޓުގައި ފޮޑެން ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރަތަމަ ހާފްގައި ކުޅެން އެރި ފެނާންޑީނިއޯ ނަގައިދިން ހުރަހަކުން ބޮލުންނެވެ.

ނަމަވެސް ރެއާލްއިން ވަނީ އޭގެ ދެ މިނެޓު ފަހުން ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިނީސިއަސް ޖޫނިއާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރެއާލްގެ ހާފް ތެރެއިން ލިބުނު ބޯޅަ ހިފައިގެން ދިޔަ ގޮތަށް ގޮސް ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެއްފަހަރުން ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ސިޓީން ވަނީ 74 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ކާމިޔާބުކުރި ލަނޑުން ލީޑު ފުޅާކޮށްފައެވެ. މި ލަނޑަށްފަހު މަހްރޭޒްއަށް ވަނީ އަނެއްކާވެސް އިތުރު ލަނޑެއް ކާމިޔާބުކުރަން ފުރުސަތު ލިބި ބޭކާރުވެފައެވެ.

ރެއާލް އިން އަނެއްކާވެސް ނަތީޖާގެ ފަރަގު ކުޑަކުރީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ބެންޒެމާއެވެ.

މި ނަތީޖާއާއެކު ފައިނަލުގެ އުންމީދު ސިޓީން ބޮޑުކޮށްފައިވާއިރު، އެޓީމުން ދެވަނަ ލެގުގައި ރެއާލްގެ ދަނޑުގައި ނިކުންނާނީ އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.