މެންޗެސްޓަ ސިޓީ އަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ޑިފެންޑަރު އޮލެކްސަންޑްރާ ޒިންޗެންކޯ ހޯދުމަށް ޕްރިމިއާ ލީގުގެ ތިން ކްލަބަކުން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ޒިންޗެންކޯ ހޯދުމަށް މަސައްކަތް ކުރަނީ އާސެނަލް އާއި ވެސްޓްހަމް ޔުނައިޓެޑާއި އެވަޓަންއެވެ. ޒިންޗެންކޯ ހޯދުމުގެ ރޭހަށް އެންމެ ފަހުން ވަނީ އެވަޓަންއެވެ. އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް ބޭނުން ވަނީ ޒިންޗެންކޯ އެވަޓަން ޓީމުގައި ހިމަނަން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޒިންޗެންކޯ މެންޗެސްޓަ ސިޓީއާ ގުޅިފައި ވަނީ 2016 ވަނަ އަހަރުއެވެ. ސިޓީ އަށް ބަދަލުވި ފަހުން ޕްރިމިއާ ލީގު ހަތަރު ފަހަރަށް ކާމިޔާބު ކުރުމުގައި ޒިންޗެންކޯގެ ވެސް ދައުރު ވެސް ބޮޑެވެ.

ޒިންޗެންކޯ ފުރަތަމަ އޭނާގެ ކެރިއަރު ފެށީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލުންނެވެ. އެކަމަކު ސިޓީގެ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން އޭނާ ބޭނުންކޮށްފައި ވަނީ ވާތް ފަރާތުން ފަހަތަށް ކުޅޭ ޑިފެންޑަރެއްގެ ގޮތުގައެވެ.

އުމުރުން 25 އަހަރުގެ ޒިންޗެންކޯ ވަނީ ޔޫކްރެއިންގެ ގައުމީ ޓީމަށް 52 މެޗު ކުޅެދީފައެވެ. ދެހާސް ސޯޅަ ވަނަ އަހަރު ޒިންޗެންކޯ ޖެހި ލަނޑާއެކުގައި އޭނާ ވެފައި ވަނީ ޔޫކްރެއިނަށް ލަނޑު ޖަހައި ދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އެ ރިކޯޑު މީގެކުރިން އޮތީ އަންޑްރީ ޝެވްޗެންކޯ އަތުގައެވެ.

ޒިންޗެންކޯ ލިބިއްޖެ ނަމަ، އެވަޓަންގެ ސްކޮޑަށް އިތުރު ވަރުގަދަ ކަމެއް އަންނާނެއެވެ. އެ ޓީމުން އަންނަނީ ޓޮޓެންހަމަށް ކުޅޭ ހެރީ ވިންކްސް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.