ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އަށް ކުޅޭ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖެސުސް ހޯދުމަށް އާސެނަލް އިން އިތުރު ބިޑެއް ހުށަހަޅަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލް އިން މި ހަފްތާގައި 70 މިލިއަން ޕައުންޑް ހަރަދު ކުރަން ވަނީ ރާވައިފައެވެ. އެއީ ޖެސުސް ހޯދުމަށާއި އަޔެކްސްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ހޯދުމަށެވެ. މި ދެ ކުޅުންތެރިންނަކީ މިހާރު އާސެނަލް އިން އެންމެ ބޮޑަށް ބޭނުންވާ ދެ މީހުންނެވެ.

ޖެސުސް ހޯދަން އާސެނަލް އިން 30 މިލިއަން ޕައުންޑްގެ ބިޑެއް މެންޗެސްޓަ ސިޓީން ހުށަހެޅިއެވެ. އެކަމަކު، އާސެނަލުން ކުރި އެ ބިޑް މެންޗެސްޓަ ސިޓީން ބަލައިގެންފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީން ޖެސުސް ވިއްކާލާނީ 50 މިލިއަން ޕައުންޑް ދިނުމުންނެވެ. އާސެނަލް އިން މަސައްކަތް ކުރަނީ އެއާ ގާތް ކުރާ އަދަދެއް ސިޓީއަށް ހުށަހެޅުމަށް ކަމަށްވެއެވެ.

އުމުރުން 25 އަހަރުގެ މާޓިނޭޒްއަކީ މިދިޔަ ސީޒަންގައި އަޔެކްސް އަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާއެވެ. އަޔަކްސް އިން މާޓިނޭޒް ވިއްކާލާނީ 30 މިލިއަން ޕައުންޑަށް ކަމަށްވެއެވެ.

މާޓިނޭޒް އާސެނަލް އަށް ގެންގޮސްފި ނަމަ، އެ ޓީމުގެ ޑިފެންސް ލައިން އިތުރަށް ވަރުގަދަވާނެއެވެ. އަދި އާސެނަލް އަށް ކުޅޭ ބެން ވައިޓް އާއި ގެބްރިއަލް އަށް އިތުރު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހޭނެއެވެ.

އާސެނަލް އިން އެންމެ ފަހުން ވަނީ އެ ޓީމުގެ ފޯވާޑް އެޑީ ކެޓިއާގެ އެއްބަސްވުން އާކޮށްފައެވެ. އާސެނަލް އިން ވަނީ ޕޯޓޯގެ މިޑްފީލްޑަރު ފަބިއޯ ވިއެރާ ގެނައުމާ ގާތަށް ވެސް ޖެހިލައިފައެވެ. އެ ޓީމު ދޫކޮށް ލިޔޯން އަށް ބަދަލުވެފައި ވަނީ ފްރާންސަށް އޮފް އެލެގްޒެންޑްރާ ލަކަޒެޓްއެވެ.

ޖެސުސް. 25، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި މެންޗެސްޓަ ސިޓީ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި އޮންނަތާ ދުވަސްތަކެއްވެއްޖެއެވެ. އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ކްލަބަކީ ވެސް އާސެނަލްއެވެ. ޖެސުސް އަށް ޗެލްސީ، ރެއާލް މެޑްރިޑް އަދި ޓޮޓެންހަމް ޝައުގުވެރިވެއެވެ.

ޖެސުސް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ބްރެޒިލްގެ ޕަލެމެއިރާސް އިން ޖެސުސް ސިޓީއާ ގުޅުނީ 2017 ވަނަ އަހަރުއެވެ. 27 މިލިއަން ޔޫރޯގެ ފީއެއްގައި ސިޓީއާ ގުޅި މިހާތަނަށް އެ ޓީމަށް 234 މެޗު ޖެސުސް ކުޅެފައިވާއިރު އޭނާ ވަނީ 95 ގޯލް ޖަހައިފައެވެ.

ޖެސުސް އަށް މިހާރު ވެސް ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ލިބެނީ މަދު މެޗުތަކެއްގައެވެ. އަނެއްކޮޅުން ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އައި ނޯވޭގެ ތަރި އާލިންގް ބްރައުޓް ހާލަންޑުގެ ސޮއި ސިޓީން ހޯދާފައިވާއިރު ހާލަންޑް ސިޓީއާ ގުޅުމަކީ ޖެސުސް އަށް ދަނޑުމަތިން ލިބޭ ވަގުތު އިތުރަށް މަދުވެގެންދާނެ ސަބަބެކެވެ.