ވޯލްޑް ކަޕް 2022ގެ ފަސް ވަނަ މެޗުގައި ސައުދީ އަރަބިޔާއިން އާޖެންޓީނާ ކޮޅަށް 2 ލަނޑު ޖަހައި އާޖެންޓީނާގެ ތާރީހުގެ ބޮޑު ރިކޯޑެއް މުގުރާލައިފިއެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މެޗުގެ ފުރަތަމަ ކޮޅު ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބު ކޮށްދިނުމާއި އެކީ އެޓީމުގެ ސަޕޯޓަރުންނަށް ލިބިގެން ދިޔައީ ބޮޑު ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އެ ހިތްހަމަޖެހުން މާޔޫސް ކަމަށް ސައުދީން ބަދަލު ކޮށްފައިވަނީ ދެވަނަ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް 2-1ގެ ނަތީޖާއަކުން ލީޑު ނަގައިގެންނެވެ.

މިމެޗުން ސައުދީ މޮޅުވެފައިވާއިރު، ސައުދީވެފައި ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އެއް ގޯލަށްވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ އޭޝިއާގެ ޓީމަށެވެ. އަދި އެޓީމުން ވަނީ މެޗުން މޮޅުވެ އާޖެންޓީނާގެ ތާރީހުގެ ބޮޑު ރިކޯޑެއް ކަމަށްވާ 36 މެޗުން ބަލި ނުވެ އޮތް ރިކޯޑް މުގުރާލާފައެވެ.

މެޗުގެ ފުރަތަމަ 90 މިނެޓު ނިމި އިތުރަށް 8 މިނެޓު ދީފައިވާއިރު، މެޗުގެ ފަހު މިނެޓުގައި އާޖެންޓީނާއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ލިބުނު ފުރުސަތުގައި ގޯލު ކީޕަރު ގޯލާއި ދުރުގައި ހުއްޓާ ފޮނުވާލި މި ހަމަލާ ހުއްޓުވާފައިވަނީ ސައުދީގެ ކުޅުންތެރިއެކެވެ. މިއާއި އެކީ އާޖެންޓީނާއަށް ވަނީ މާޔޫސް ކަމެއް ގެނުވާފައެވެ. މި މެޗުގައި ރެފްރީ ވަނީ އިތުރު މިނެޓުގައި ކުޅުންތެރިއަކަށް ލިބުނު އަނިޔާއަކާއި ގުޅިގެން އިތުރަށް 13 މިނެޓު ވެސް ކުޅުވާފައެވެ.

މިމެޗުން އާޖެންޓީނާ ޕްރެޝަރަށް ވެއްޓިފައިވަނީ ސައުދީން މޮޅުވި ގޯލު ޖެހި ވަގުތު 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް ސަޕޯޓަރުންގެ އަޑުން ގުގުމާލުމާއި ގުޅިގެންނެވެ. އެއާއި އެކީ އާޖެންޓީނާ ބޮޑު ތަނުން ޕްރެޝަރަށް ވެއްޓިފައިވާކަން އެނގިގެންދެއެވެ.