ވޯލްޑް ކަޕް 2022ގައި އާޖެންޓީނާ ބައްދަލު ކުރި މެޗުން ބަލިވުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެގޮތަށް މުބާރާތް ފެށޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

އާޖެންޓީނާ މިއަދު ސައުދީ އަރަބިޔާއާއި ދެކޮޅަށް ނުކުތީ މުބާރާތުގެ ފެށުން ރަނގަޅުކޮށް، ފަސޭހަ މޮޅަކުން މޮޅުވާނެ ކަމަށް ބަލައިގެންނެވެ. ފީފާ ރޭންކިންގެ ހަތަރު ވަނައިގައި އޮތް އާޖެންޓީނާ 2-1 ގެ ނަތީޖާއަކުން ބަލިވެފައިވަނީ ފީފާ ރޭންކިންގެ 49 ވަނައިގައި އޮތް ޓީމަކާއި ޖެހިގެންނެވެ.

މެޗަށް ފަހު މީޑިއާތަކަށް ދިން އިންޓަވިއުގައި މެސީ ބުނެފައިވަނީ މުބާރާތް މިފަދަ ގޮތަކަށް ފަށަން ޖެހިދާނެ ކަމަށް އެއްގޮތަކަށް ވެސް ހީނުކުރާ ކަމަށާއި މިމެޗުން އާޖެންޓީނާ ބަލިވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"މިގޮތަށް މުބާރާތް ފަށަން ޖެހިދާނެ ކަމަކަށް ހީނުކުރަން. ކުރިއަށް އޮތް މެޗުތަކަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ." މެސީ ބުންޏެވެ.

މެސީ ބުނެފައިވަނީ ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އޮތީ ހަމައެކަނި މޮޅުވުން ކަމަށާއި މޮޅުވެ، އެކަން ދައްކަން ޖެހޭ ކަމަށެވެ.

ސައުދީން އާޖެންޓީނާ ބަލިކޮށްފައިވާއިރު، އެއީ އެޓީމަށް ހަމައެކަނި މޮޅެއް ނޫނެވެ. އެޓީމަށް ވަނީ އާޖެންޓީނާގެ 36 މެޗުން މޮޅުވުމުގެ ރިކޯޑު މުގުރާލުމާއި ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އެއް ގޯލަށްވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ އޭޝިއާގެ ޓީމުގެ ޝަރަފު ލިބިފައެވެ.

އުމުރުން 35 އަހަރުގެ މެސީގެ ފަހު މުބާރާތަށް މި މުބާރާތް ވެފައިވާއިރު، ދެން އާޖެންޓީނާއަށް ގަދަ 16 އަށް ދިއުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެއީ ދެން މި މުބާރާތުގައި އާޖެންޓީނާ ބައްދަލު ކުރާނީ މެކްސިކޯއާއި ޕޮލޭންޑާއި އެވެ. މި ދެ މެޗުން ވެސް އާޖެންޓީނާ މޮޅެއް ހޯދަން ޖެހެއެވެ.