ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ މިއަދުގެ ފުރަތަމަ މެޗުގައި ސުވިޒަލޭންޑާއި ކެމެރޫން ބައްދަލު ކުރި މެޗު ސުވިޒަލޭންޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސުވިޒަލޭންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެމެރޫނަށް އުފަން ބްރީލް އެމްބޯލޯއެވެ.

އެމްބޯލޯގެ މި ގޯލަކީ އެއީ އޭނާ ކުޅުނު ވޯލްޑް ކަޕުގައި ޖެހި ފުރަތަމަ ގޯލެވެ. މިހާތަނަށް އޭނާ ދެ ވޯލްޑް ކަޕެއްގައި ފަސް މެޗު ވަނީ ކުޅެފައެވެ. ނަމަވެސް މިއިން އެއްވެސް މެޗެއްގައި އޭނާށް ގޯލެއް ޖެހިފައެއް ނުވެއެވެ.

ކެމެރޫނަށް އުފަން އުމުރުން 25 އަހަރުގެ އެމްބޯލޯ އާއި އޭނާގެ މަންމަ، ބައްޕައާއި ވަރިވުމަށްފަހު އެންމެ ފުރަތަމަ ދިރިއުޅުން ބަދަލު ކުރީ ފްރާންސަށެވެ. ފްރާންސްގައި ދިރިއުޅެމުން އަންނަނިކޮށް އެމްބޯލޯގެ މަންމައަށް ސުވިޒަލޭންޑުގެ ފިރިހެނަކާއި ދިމާވެ ވަނީ ހަޔާތެއް ފަށާފައެވެ.

އޭގެ ފަހުން އެމްބޯލޯ އާއި އޭނާގެ މަންމަ ދިރިއުޅުން ބަދަލު ކޮށްފައިވަނީ ސުވިޒަލޭންޑަށެވެ. ސުވިޒަލޭންޑުގައި ދިރިއުޅެމުން އައިސް އެމްބޯލޯއަށް ސުވިޒަލޭންޑުގެ ރައްޔިތެއްކަން އަންގައިދޭ ލިޔުން ލިބިފައިވަނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ނިންމީ އެގައުމުގެ ގައުމީ ޓީމަށް ކުޅުމަށެވެ.

އުމުރުން އެންމެ 18 އަހަރުގައި 2015 ވަނަ އަހަރުގެ މާޗް މަހު ސްވިޒަލޭންޑުން ސީނިއާ ކެރިއަރު ފެށި އެމްބޮލޯ ސްވިޒަލޭންޑާއެކު 2018 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު އިރު، އޭނާ ވަނީ ހަތަރު މެޗުން އެއް އެސިސްޓް ކޮށްދީފައެވެ.

މިއަދު ކެމެރޫނާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ލަނޑެއް ޖެހި ނަމަވެސް ވަނީ އުފާ ފާޅު ކުރަން ދެކޮޅު ހަދާފައެވެ. އެގޮތުން އުފާ ފާޅު ކުރުމުގެ ބަދަލުގައި ގޯލު ޖެހުމަށްފަހު، ހަމަ ޖެހިލައިގެން ސަޕޯޓަރުންނާއި ދިމާލަށް ބަލައިގެން ހުންނަ މަންޒަރު ފެނިގެން ދިޔައެވެ.

މިމެޗަށް ފަހު ދެން ސުވިޒަލޭންޑް ބައްދަލު ކުރާނީ މިމަހުގެ 28 ވަނަ ދުވަހު ބްރެޒިލް އަދި އަންނަ މަހުގެ ދެވަނަ ދުވަހު ސާބިއާ އާއިއެވެ.