ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު، ވެސްޓް ހޭމް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕަރ ގެ ކެޕްޓަން، ސޮން ހިއުންގް މިން އަށް ނަސްލީ ފުރައްސާރަ ކޮށްފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ޓޮޓެންހަމް އިން ބުނެފައިވަނީ ސޮން އަށް ފުރައްސާރަ ކޮށްފައިވަނީ އޮންލައިން ކޮށް ކަމަށެވެ. 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބު ކުރި އާދީއްތަ ދުވަހުގެ މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރިތާ ކުޑަ ވަގުތުކޮޅެއް ފަހުން ސޮން ވަނީ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މެޗަށްފަހު، ކުލަބުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ވަނީ ފުރައްސާރައިގެ މިއަމަލު ކުށްވެރި ކޮށްފައެވެ. "މިއަދުގެ މެޗުގައި ސޮން ހިއުންގް މިން އަށް، އޮންލައިން ކޮށް ކުރި ނަސްލީ ފުރައްސާރައިގެ ހުތުރު އަމަލުގެ މައުލޫމާތު އަހަރެމެންނަށް ލިބިއްޖެ. ކުލަބުން ވާނީ މިކަން ރިޕޯޓް ކޮށްފައި."

"އަހަރެމެން މި ތިބީ ސޮނީ އާއި އެކު. އަދި މިކަމަށް ފިވަޅު އެޅުމަށް މީސްމީޑިއާ ކުންފުނިތަކަށާއި، އިދާރާތަކަށް އަދިވެސް އެއްފަހަރު ގޮވާލަން." ކުލަބުން ބުނެފައިވެއެވެ.

މި ކަން ކުށްވެރިކޮށް، މިކަމާއި މެދު ފިޔަވަޅު އެޅުމަށް މީސްމީޑީއާ ކުންފުނިތަކަށް އިންގްލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ގޮވާލާފައެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، މިދިޔަ ދެ ގޭމް ހަފްތާގައި ކުރިއަށްދިޔަ ޕްރިމިއަރ ލީގުގެ "ނަސްލީ ތަފާތު ކުރުމަށް އެއްވެސް ޖާގައެއް ނެތް" ކެމްޕޭނުގެ ތެރޭގައި ކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު، ޗެެލްސީގެ ދަނޑުގައި އޮތް ޕްރިމިއަރ ލީގުގެ މެޗެއްގެ ތެރެއިން، ޓޮޓެންހަމްގެ ކެޕްޓަން، ސޮން އަށް ނަސްލީ ފުރައްސާރަ ކުރި، ސީޒަން ޓިކެޓެއް އޮތް މީހަކު އެއްވެސް މުއްދަތެއް ނެތް ގޮތަށް ސްޓޭޑިއަމަށް ނުވަދެވޭ ގޮތް ޗެލްސީން ވަނީ ހަދާފައެވެ.

"އެއްވެސް ވައްތަރެއްގެ ތަފާތު ކުރުމުގެ އަމަލުތައް ޗެލްސީން ބަލައެއް ނުގަންނަން. އެކަމަށް ޗެލްސީ ގައި، އަދި ޗެލްސީ އާއި ގުޅޭ އެއްވެސް ކޮމިއުނިޓީއެއްގައި ޖާގައެއް ނޯންނާނެ. ޗެލްސީން އަބަދުވެސް ވާނީ މިފަދަ ތަފާތުގެ ކުރުމުގެ އަމަލުތަކާއި މެދު ޗެލްސީން ގެންގުޅޭ ޒީރޯ ޓޯލެރެންސް ގެ ދަރަޖަ ސާފުކޮށްދީފައި. އެކަމަކު އަދިވެސް ފޭނުންނޭ ކިޔައިގެން މި ކުލަބާއި ގުޅިގެން އުޅޭ މިކަހަލަ މޮޔައިން އެބަ އުޅޭ. އެމީހުންގެ ސަބަބުން ޗެލްސީ އެފްސީ، އަހަރެމެންގެ ކޯޗުން، ކުޅުންތެރިން، ސްޓާފުން، އަދި ހަގީގީ ސަޕޯޓަރުންވެސް ލަދުގަނޭ." ޗެލްސީން އޭރު ބުނެފައިވެއެވެ.