އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއްނެގިއިރު، އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ އަށް ދެއްކި ރަތް ކާޑާއެކު އޭނާ އަށް މުހިންމު މެޗުތަކެއް ގެއްލިއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި ސިޓީ މޮޅުވި ހަވަނަ މެޗެވެ. މިހާތަނަށް ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ލީގުގައި އޮތް ހަމައެކަނި ޓީމަކީ ވެސް ސިޓީއެވެ.

ރޭގެ ނަތީޖާއާއެކު ސިޓީ ވަނީ ހަ މެޗުން 18 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި އޮތް ލިވަޕޫލާއި ހަތަރުވަނައިގައި އޮތް އާސެނަލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޓޮޓެންހަމް އާއި ލިވަޕޫލަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ސިޓީން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، ހަތްވަނަ މިނެޓުގައި ފިލް ފޯޑެން ކާމިޔާބުކުރީ ކައިލް ވޯކާ ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖެހީ ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އެވެ. ހާލަންޑް މި ލަނޑުޖެހީ މަތެއުސް ނޫނޭސް ދިން ބޯޅައަކުންނެވެ.

ރޮޑްރީ އަށް ރަތް ކާޑު ދެއްކުމުން އިސް ދަށަށް ޖަހައިގެން ދަނޑުން ފައިބައިގެންދަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ދެވަނަ ހާފުގެ ކުޅުން ފެށިތާ 27 ވަރަކަށް ސިކުންތުގެ ތެރޭގައި ނޮޓިންހަމްގެ އިނގިރޭސި މިޑްފީލްޑަރު، މޯގަން ގިބްސް-ވައިޓްއާ ސިޓީގެ ރޮޑްރީ ދެމެދު ހިނގި ހަމަނުޖެހުމަކަށްފަހު ވަނީ ރޮޑްރީ އަށް ސީދާ ރަތެއް ދައްކައިފައެވެ. އެއީ ދެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ގިބްސް-ވައިޓްގެ ކަރުގައި ހިފުމުންނެވެ. އެވަގުތު ރެފްރީ އެންތަނީ ޓޭލާ ވަނީ ރޮޑްރީ އަށް ރަތް ކާޑު ދައްކާފައެވެ. އަދި ފަހުން، ވީއޭއާރް އިން ބެލުމަށްފަހު އެ ނިންމުން ބަދަލެއްނުކުރެއެވެ.

ރޮޑްރީ އަށް ދެއްކި ރަތް ކާޑްގެ ސަބަބުން ލީގުގައި ކުރިއަށް އޮތް ތިން މެޗުގައި ނުކުޅެވޭނެއެވެ. އޭގެ ތެރޭގައި އާސެނަލް އާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނެއެވެ.

ފަހު ހާފުގައި ސިޓީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނެގުމަށް ފޮރެސްޓުން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި އެ ޓީމުގެ ބްރެޒިލް ކީޕަރު، އެޑަސަން މޮރައެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލޫޓަން ޓައުންގެ ދަނޑުގައި 1-1 އިން ވުލްވްސް ވަނީ އެއްވަރުވެފައެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ފުލަމްއާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު